ވުލްސްބަރގަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ޒުވާން މިޑްފީލްޑަރ ޖޫނިއަރ މަލާންޑާ، ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.
އުމުރުން 20 އަހަރުގެ މިޑްފީލްޑަރ ޖޫނިއަރ މަލާންޑާ މަރުވި ކާރު އެކްސިޑެންޓް ހިނގާފައިވަނީ ޖަރުމަނުގެ ސިޓީއެއް ކަމަށްވާ ބީލެފެލްޑްގެ މޮޓޯރވޭ އެއްގައެވެ. މަލާންޑާ ދަތުރުކޮށްފައިވަނީ ޓީމުގެ ކުޅުންތެރިންނާއެކު ސައުތް އެފްރިކާގެ ޓްރޭނިން ކޭމްޕަކަށް ދިއުމަށްޓަކައި ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރުމަށެވެ.
މި ހިތާމަވެރި ހާދިސާއާއި ގުޅިގެން ވުލްސްބަރގުން ނެރުނު ސްޓޭޓުމަންޓުގައި އެޓީމުގެ ސްޕޯރޓިން ޑިރެކްޓަރ ކްލައުސް އަލޮފް ބުނެފައިވަނީ މިއީ ކުލަބަށް ގަބޫލުކުރަން ދަތި ހަބަރެއް ކަމަށެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ކުލަބުން އޭނާގެ އާއިލާއާއި ރަހުމަތްތެރިންނަށް ހިތްވަރުދޭ ކަމަށްވެސް ސްޓޭޓްމަންޓްގައިވެއެވެ.
" އޭނާ އަކީ ޓީމުގެ ވަރަށް މުހިއްމު ކުޅުންތެރިއެއް، މަޖާ މިޒާޖެއްގެ ހިތްވަރުގަދަ ޒުވާން ހުނަރުވެރިއެއް" ވުލްސްބަރގްގެ ސްޓޭޓްމަންޓްގައި އިތުރަށް ބުނެފައިވެއެވެ. މަލާންޑާގެ ކުއްލި މަރާ ގުޅިގެން ފުޓުބޯޅަ ދުނިޔޭގެ ގިނަ ފަރާތްތަކުންވަނީ އޭނާގެ އާއިލާއަށް ހަމްދަރުދީގެ މެސެޖްތަށް ސޯޝަލްމީޑިއާގައި ރައްދުކޮށްފައެވެ.
ޖޫނިއަރ މަލާންޑާވަނީ މި ސީޒަންގައި ވުލްސްބަރގަށް 20 މެޗު ކުޅެދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް