ދަރިވަރުން ތަރުބިއްޔަތު ކުރެއްވުމުގައި އެންމެންގެ ޒިންމާ ހަނދާންކޮށް ތެދުވެރިކަމާ އަމާނާތްތެރިކަމާ އިހުލާސްތެރިކަމާއެކު ޒިންމާ އަދާ ކުރެއްވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތާބުގަ އެވެ.
ހިތާބުގައި މިނިސްޓަރު ވިދާޅުވީ އަޅުގަނޑުމެންގެ ވިންދު ހުއްޓާލަނީ މި ދިވެހި ގައުމަށް ކަމަށާއި ގައުމުގެ އުފެއްދުންތެރިކަން ގުޅިފައިވަނީ ދަރިވަރުންގެ ހުނަރުވެރިކަމާ ކަމަށާއި އަދި ހުނަރުވެރިކަން ގުޅިފައިވަނީ ފޯރުކޮށްދޭ ތައުލީމަކާ ކަމަށެވެ. އަދި ދަރިވަރުންގެ ސަހުސިއްޔަތު ބިނާ ކުރުމަށާ އިސްނެގުމާ އަމިއްލަ ނަފްސަށް އިތުބާރު ކުރުމަށާ ކުރާ ކަންތައްތަކަށް ޒިންމާވުމަށާ އެކުވެރިކަން ކުރިއެރުވުމަށާ އަދި އަނެކުންނަށް އިހުތިރާމް ކުރުމުގެ ރިވެތި އާދަ ދަރިވަރުންގެ ކިބައިގާ އަށަގެންނެވުމަށް ސްކޫލްތަކުން މަސައްކަތް ކޮށްދެއްވުމަށް އެދޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދޅުވީ ދިރާސީ އާ އަހަރު ފެށުނު އިރު މިއަދު ގްރޭޑް އެކެއް ދޭއް އަދި ތިނެއްގައި އަލަށް އެކުލަވާލެވުނު ގައުމީ މަންހަޖަށް އަމަލުކުރަން ފަށާފައިވާކަމަށާއި އެ މަންޖަހުގައި މައިގަނޑު އަށް ކަމެއް ދަރިވަރުންގެ ކިބައިގާ ހަރުލައްވަން ބޭނުންވާ ކަމަށެވެ. އެ އަށް ކަމަކީ އިސްލާމްދީނާ އެއްގޮތަށް އަމަލުކުރުމާ ނަފްސު ދެނެގަތުމާ ތަންޒީރު ކުރުމާ ބިނާ ކުރުވަނިވި އަދި އުފެއްދުންތެރިގޮތެއްގައި ވިސްނުމާ އެހެން މީހުންނާ ގުޅިގެން އުޅުމާ ދޭހަވުމާ ދޭހަ ކޮށްދިނުމާ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމާ ދެމެހެއްޓެނިވި ތަރައްގީއަށް އަމަލުކުރުމާ އަދި ޓެކްނޮލޮޖީއާ މީޑިއާ ބޭނުންކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތައުލީމީ ދާއިރާ ކުރިއެރުވުމަށް މި ދިރާސީ އަހަރުގައި ހާއްސަ ކަންތައްތަކެއް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މުދައްރިސުންގެ ގާބިލުކަން އިތުރު ކުރުމަށް ހިދުމަތުގައި ތިއްބަވާ މުދައްރިސުންނަށް މުސާރައާ އެއްވަރުގެ އެލަވަންސެއް ލިބިވަޑައިގަންނަވާގޮތަށް މަތީތައުލީމުގެ 100 ފުރުސަތު މި މަސްތެރޭގައި ހުޅުވާލެވޭނެ ކަމަށާއި ރަށުގައި ހުންނަވައިގެން ތައުލީމީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތުތަކެއްވެސް މިއަހަރުގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ފިފުރުސަތުތައް އަމާޒު ކުރެވޭނީ ސްކޫލްތަކުގެ ޓީޗަރުންނަށާ، ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ކަމަށާއި އަދި ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ޕްރިންސިޕަލުންނަށް ފަންނީ ތަމްރީނު ދިނުމުގެ ހާއްސަ މަސައްކަތްތަކެއް ވެސް މިއަހަރުގެ ތެރޭގައި ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ސްކޫލްތައް ފަންނީ ގޮތުން ވަޒަންކުރުމާ ކިޔެވުމާ ކިޔަވައިދިނުން ތަރައްގީ ކުރުމަށް ދޭޏްޖެހޭ ލަފާ ދިނުމުގެ ހާއްސަ މަސައްކަތްތަކެއްވެސް މިއަހަރުގެ ތެރޭގައި ފެނިގެންދާނެ، މި މސައްކަތްތައް ފުރަތަމަ ފަހަރަށް އަތޮޅު ފެންވަރަށް ތިލަކޮށް ސްކލުތައް ފަންނީގޮތުން ވަޒަންކުރުމުގެ ކަންތައްތައް އަތޮޅު ފެންވަރުގައި މިއަހަރު ކުރެވިގެންދާނެ" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަރަށްބޮޑު ސަމާލުކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ ގްރޭޑް އެކެއްގެ ދަރިވަރުންނަށް ހަދާ ރިސްކް އެސެސްމެންޓެއް މި ދިރާސާ އަހަރުގެ ފުރަތަމަ ޓާމްގައި ފެށޭނެ ކަމަށާއި ސިއްހީ ދަޅަހެޔޮކަން ދެނެގަތުމަށް ހެލްތު ސްކްރީންގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.
އަދި ސްކޫލްތަކުގެ ތެރޭގައި ދަރިވަރުންނަށް ލިބެން ހުރި ފުރުސަތުތައް އިތުރުކޮށް ހުނަރުވެރިކަން އިތުރު ކުރުމަށް ސްކޫލްތަކުގައި މަސައްކަތްތެރިކަމާ ހުނަރުވެރިކަމުގެ ސްޓްރީމެއް މިއަހަރުވަނީ ތައާރަފްކުރެވިފައިވާކަމަށާއި ދަސްވާރު ޕްރޮގްރާމާ މޯލްޑިވްސް ޕޮލިޓެކްނިކްގެ ޕްރޮގްރާމްތައްވެސް މިއަހަރު ސްކޫލުތަކުގައި ހިންގޭނެ ކަމަށާއި އަދި މި ޕްރޮގްރާމްތައް މާލެއާ އަތޮޅުތެރެއަށްވެސް ފުޅާކުރެވޭނެ، ޒުވާނުން ހުނަރުވެރިކުރުވުމަށް ހިންގޭ ހާއްސަ ޕްރޮގްރާމްގެތެރެއިން ޕޮލިޓެކްނިކްގެ ދަރިވަރުންގެ އަދަދު މިއަހަރު ތެރޭގައި އެއް ހާހަށް އިތުރުވެގެންދާނެ ކަމަށް އަދި މީ އެ މަރުކަޒުގެ ދަރިވަރުންގެ އަދަދު ފަސްގުނަ އިތުރުވެގެންދާނެ އަދަދެއް ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ހިތާބުގައި ވިދާޅުވީ މި އަހަރުގެ ތެރޭގައި 275 ކްލާސްރޫމާ 21 މަލްޓި ޕާޕަސް ސްކޫލާ 5 ލައިބްރަރީއާ 11 ސައިންސްލެބް އިމާރާތްކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
އަދި މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ އުފާވެރި ރަންޔޫބީލް ފާހަގަކުރާ އަހަރުކަމަށްވާތީ ދަރިވަރުންގެ ހިތްތަކުގައި ގައުމީ ރޫހު އާލާކުރުމަށް ހާއްސަ މަސައްކަތްތަކެއް މި ދިރާސީ އަހަރު ކުރިއަށް ގެންދެވޭނެ، މި ހަރަކާތްތަކުގެ ތެރެއިން ދިވެހި ވަންތަ ސިފަތަކާއި އަޑުތަކަށް ދަރިވަރުން އިތުރަށް އަހުލުވެރިކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"ދަރިވަރުންގެ ހިތްތަކުގައި ދަރުމައަށް މަސައްކަތްކުރުމުގެ ރޫހު އާލާ ކުރުމުގެ ގޮތުން ދަރުމައަށް މަސައްކަތް ކުރުމުގެ ހާއްސަ މަސައްކަތްތަކެއް ސްކޫލް ފެންވަރުގައި ހިންގޭނެ، މި ހަރަކާތްތަކުގެ ތެރެއިން ދިވެހިންގެ އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އަޅާލުމުމުގެ މާތް ސިފަތައް ދަރިވަރުންނަށް ދަސްކޮށްދެވޭނެ" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އަރަބި ތައުލީމް ފުޅާކުރުމުގެ މަގްސަދުގައި އަރަބި މީޑިއަމްއަށް ކިޔަވައިދިނުމަށް އަތޮޅުތެރޭގައި ގާއިމް ކުރެވޭ ފުރަތަމަ ސްކޫލް ކަމުގައިވާ ނޫރާނީ ސްކޫލްގެ ކިޔެވުން މިއަދު ފެށިފައިވާކަމަށާއި ހުޅުމާލޭ ރެހެންދި ސްކޫލުގައި ވެސް މިއަދުވަނީ ކިޔެވުން ފެށިފައިވާކަމަށެވެ. އަދި އަމާޒަކީ މަދުރަސީ ހަޔާތުން އެންމެ ކުއްޖަކުވެސް ބާކީ ނުކޮށް ކޮންމެ ކުއްޖަކީވެސް އުފެއްދުންތެރި ހަރުދަނާ ކުއްޖަކަށް ހެދުން ކަމަށާއި މި މަސައްކަތުގައި އެންމެ މުހިންމު އެއް ބައިވެރިއަކީ ބެލެނިވެރިންކަން ފާހަގަކޮށް ހުނަރުވެރި ދަރިވަރުން ބިނާކުރުމަށް ކުރާ މަސައްކަތުގައި ބެލެނިވެރިންގެ ބައިވެރިވުން ޝުކުރުވެރިކަމާއެކު ފަހަގަކޮށް ބެލެނިވެރިންނަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް