މި އަހަރުގެ ރަމަޟާން މަހު ވެސް ފަލަސްޠީނާ އިސްރާއީލާ ދެމެދު އަނެއްކާ ވެސް ހަމަނުޖެހުންތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މެއި މަހުގެ 7 ވަނަ ދުވަހު ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް 70،000އަށްވުރެ ގިނަ މުސްލިމުންވަނީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތަށް ޖަމާވެފައެވެ. ނަމާދުގެ ޖަމާޢަތަށްފަހު އެތައް ހާސް މީހުންނެއްވަނީ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ ސަރަޙައްދުތަކުން ބޭރުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ނުރުހުން ފައުޅުކޮށް އަޑުއުފުލައިފައެވެ.
ރައްދުގައި އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންވަނީ އަޤްޞާގައި އަޅުކަންކުރަން ތިބި މުސްލިމުންނަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި 205 މީހުން ޒަޚަމްވިއެވެ. އޭގެ ތެރެއިން 88 މީހުންވާނީ އިތުރު ފަރުވާއަށް ހަސްފަތާލުތަކަށް ގެންގޮސްފައެވެ.
އިސްރާއީލުގެ ހަހޫދީ އަނިޔާވެރި ސިފައިން ވަނީ އެ މާތް މިސްކިތުގައި ހުޅުވެސް ޖަހައިފައެވެ. މިސްކިތުގައި އެކި ތަންތަނުގައި ހުޅުޖެހުމާއި ގުޅިގެން އެތަނުގައި ހުރި ބައެއް ތަކެތި އަނދާފައި ވާއިރު، ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެފައި ވަނީ ފޮޓޯއިން އެ ފެންނަ މުސްހަފުގެ ޞަފްޙާއެއްގައި ނުއަަނދައި އޮތް ބައިގައި ލިޔެފައިވާ މި އާޔަތެވެ.
ވަރަށް ބޮޑަށް އަނދާފައިވާ މި މުސްހަފުގެ އެ ޞަފްޙާާއިން ފެންނާން އޮތީ މުސްލިމުންނަށް ﷲ ނަސްރު ދެއްވާނެ ކަމުގެ ހެޔޮ ޚަބަރެވެ.
އެއީ ބަގަރާ ސޫރަތުގެ 214 ވަނަ އާޔަތެވެ. އެ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައި ވާ ބަސްފުޅުގެ ދިވެހި ތަރުޖަމާއަކީ "ތިޔަބައިމީހުންގެ ކުރީގައި އުޅެ ގޮސްފައިވާ މީހުންގެ ހާލަތް ތިޔަބައިމީހުންނާ ހަމައަށް އަދި ނައިސްވަނިކޮށް ތިޔަބައިމޫހުން ސުވަރުގެ ވަންނާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ އެއުރެންނަށް ތަދުމަޑުކަމާއި ބަލިމަޑުކަން ޖެހުނެވެ. އަދި އެއުރެންނަށް ގުޑުން އަރައިގެން ދިޔައެވެ. ރަސޫލާ އާއި އެކަލޭގެފާނުގެ އަރިހުގައި ތިބި އީމާންވެއްޖެ މީސްތަކުންނަށް ބުނެވިއްޖެއުމަށް ދާންދެނެވެ. ﷲގެ ނަސްރު ދެން އަންނާނީ ކޮން އިރަކުން ބާއެވެ. ދަންނާށެވެ! ހަމަކަށަރަވަރުން ﷲގެ ނަސްރު ވަނީ ދާދި ގާތުގައެވެ." މިއެވެ.
މި ފަހުން އިސްރާއީލުގެ އަނިޔާވެރިކަން އެންމެ ބޮޑުވެފައިވަނީ މެއި މަހުގެ 10ވަނަ ދުވަހުއެވެ. 1967ވަނަ އަހަރު އިސްރާއީލުން ޤުދުސް އަޅުވެތިކުރިތާ 54 އަހަރު ފުރުނު ދުވަހާ ގުޅުވައިގެން ގިނަ ޙަރަކާތްތަކެއް ޤުދުސްގައި ކުރިޔަށްގެންދަން ޔަހޫދީންވަނީ ނިންމައިފައެވެ. އެ ޙަރަކާތްތަކަށް މަގުފަހިކުރުމަށް އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންވަނީ އަޤްޞާގައި އަޅުކަންކުރަން ތިބި މުސްލިމުންނާ އަމާޒުކޮށް ގިނަ ޢަދަދެއްގެ ޙަމަލާތަކެއް ދީފައެވެ. ރަބަރު އުންޑައާއި ސްޓަން ގުރެނޭޑާއި ކަރުނަ ގޭސް ބޭނުންކޮށްގެން ދިން ޙަމަލާތަކުގައި 300 މީހުން ޒަޚަމްވިއެވެ.
އިސްރާއީލާ ގުޅުން ޤާއިމުކޮށްފައިވާ ޢަރަބި ޤައުމުތައްކަމަށްވާ މިޞްރާއި އުރުދުންނާއި ޔޫއޭއީއާއި ބަޙުރައިންނާއި މަޢުރިބާއި ސޫދާނުންވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޖަރީމާތައް ކުށްވެރިކޮށްފައެވެ.
އެކަމަކު ޔަގީންކުރާށެވެ. މި އަނިޔާވެރި ކަމަށް ވެސް ނިމުން އަންނާނެއެވެ. ފަލަސްތީނުގެ މުސްލިމުންނަށް މާތް ﷲ ނަސްރު ދެއްވާނެއެވެ. މާތް ﷲގެ ވަހީ ބަސްފުޅު ދޮގެއް ނުވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް