މަސްތުވާތަކެއްޗާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި ފުވައްމުލަކުން ދެމީހަކު ހައްޔަރު – ފަސް އަހަރުގެ ތެރޭގައި 29 މިލިޔަން ރުފިޔާގެ މުއާމަލާތް

މަސްތުވާތަކެއްޗާއި މަނީ ލޯންޑަރިންގެ މައްސަލައިގާ ފުވައްމުލައް ސިޓީއިން ދެމީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނެފައިވަނީ ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ދިވެހި ފުލު...

10 Dec 2024 | 09:24

މަސްތުވާތަކެއްޗާއި މަނީ ލޯންޑަރިންގެ މައްސަލައިގާ ފުވައްމުލައް ސިޓީއިން ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "އޮޕަރޭޝަން ވެށި ރައްކަލް" ގެ ދަށުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށާއި ފުލުހުންގެ އިންޓެލިޖެންސް އަދި ތަހުގީގަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި، 2024 ޑިސެންބަރު 9 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ . ޏ. ފުވައްމުލައް / ދޫޑިގަން، ކަރަންކާވިލާ، އަޙްމަދު ނިއުޝާދު (34 އަހަރު) އާއި ޏ. ފުވައްމުލައް / ދޫޑިގަން، ޒަމާނީގެ، ޙަސަން ޢާޒިމް (29 އަހަރު) ކަމަށެވެ.

ފާއިތުވި ފަސް އަހަރު ތެރޭގައި އަޙްމަދު ނިއުޝާދުގެ ބޭންކު އެކައުންޓް މެދުވެރިކޮށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާކަމަށާއި އަދި ފާއިތުވި ދެ އަހަރު ތެރޭގައި ޙަސަން ޢާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން 21 މީހެއްގެ އަދި ދެ ކުންފުންޏެއްގެ އެކައުންޓް ކޯޓު އަމުރުގެ ދަށުން ހިފަހައްޓައި އެ ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގގެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.

ޖެނުއަރީ 14 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ "އޮޕަރޭޝަން ވެށި ރައްކަލް"ގެ ދަށުން މިހާތަނަށް 4,048 ހޮޓްސްޕޮޓް ބަލައި ފާސްކޮށް، 1,147 މީހުން ހުއްޓުވައި ސުވާލުކޮށް ބަލައި ފާސްކޮށް، 58 މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ. ހައްޔަރުކުރި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ޖުމުލަ 75 މައްސަލައެއް ތަހުގީގުކޮށް، 65 މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް