ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ މަރާމާތައް އިންޑިއާ ސަރުކާރުން 8.5 މިލިއަން ރުފިޔާ ދީފައި ވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައި ވަނީ 37ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ބައިވެރީން ދަސްވެނިވުމަށް ހޯމަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
" އަޅުގަނޑު އުފަލާއެކު އިއުލާނުކުރަން އިންޑިއާ ސަރުކާރުން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ އާޑޯ ކެމްޕަސް އާރާސްތުކޮށް ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން 8.5 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދެއްވުމަށް ނިންމަވާފައިވާ ކަން." ވަޒީރު އިހުސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އިންޑިއާއިން ދެއްވި މި ހިލޭ އެހީތެރިކަމުން ސާފުވެގެން ދަނީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮތް ހާއްސަ ގުޅުން ކަމަށާއި އިންޑިއާގެ މި ހިލޭ އެހީތެރިކަމަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުދަންނަވާކަމަށެވެ.
އަދި މީގެ އިތުރުން ދެއްވި ދައުވަތު ގަބޫލުކުރައްވާ އިންޑިއާގެ ނޭޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓާ އަމިތް ގާގް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ ލިބުނު އުފަލެއް ކަމަށާއި އެކަމަށް ވެސް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާކަމަށް ވެސް ވަޒީރު އިހުސާން ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވާ މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ މަސްތުވާތެކެތި ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ވާކަމަށާއި އެގޮތުން ނިމިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 1.3 ބިލިއަން ރުފިޔާގެ ޑްރަގު މުޖުތަމައުގެ ތެރެއަށް ދައުރުވިޔަ ނުދީ ހުއްޓުވާފައި ވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ 37ވަނަ އަސާސީ ތަމްރީނު ކޯހުން ޖުމްލަ 171 އޮފިސަރުން ވަނީ ރޭގެ ދަސްވެނިވެފައެވެ. އަދި އޭގެތެރޭގައި ޖުމްލަ 39 އަންހެން އޮފިސަރުން ހިމެނެއެވެ.
އެ ކޯހުން އެންމެ މޮޅު ދަރިވަރު، ޕޮލިސް ކޮންސްޓަބަލް ހަސަން ޝާމިލަށް ކޮމިޝަނާ އެކްސެލެންސް އެވޯޑު މިރޭ ވަނީ އަރުވަފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް