އޭރުވެސް ނާޒިމާގެ ލޮލުން ކަރުތައް ފައިބަމުން ދިޔައެވެ. އިރުކޮޅަކުން ކޮންމެސް މީހަކު އައިސް ބަދިގެއަށް ވަތް އަޑު އިވިގެން ނާޒިމާ ލޯ ފޮހެލުމަށްފަހު އެނބުރި ބަލާލިއެވެ. އޭރު ބަދިގެތެރެއަށް ވަދެގެން އަންނަނީ ބޮޑުދައިތަގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު އާކިފު އެވެ.
"ކޮއްކޮ ސްކޫލުން އައިސް ޔުނިފޯމުވެސް ބަދަލު ނުކުރަންތަ...؟ ދޭ ޔުނިފޯމް ބަދަލުކޮށްލައިގެން އަންނަން...! މާދަންވެސް ސްކޫލަށްދާންޖެހޭނީ ތި ޔުނީފޯމުގައެއްނު...! އެހެންވީމަ ޔުނީފޯމު ބަދަލުކޮށްލައިގެން ކޮއްކޮ އަންނަންވާއިރަށް ދައްތަ ކާން ހަދާލާނަން...!" ގޮނޑިން ތެދުވަމުން އާކިފު އާ ދިމާއަށް ބަލާލުމަށްފަހު ނާޒިމާ ބުންޏެވެ.
"ކައިގެން ގޮސް ޔުނީފޯމު ބަދަލުކުރާނީ...! ހެނދުނު ސައިނުބޮއި ސްކޫލަށް ދިޔާމަ ވަރަށް ބޮޑަށް ބަނޑުހައިވެފަ މިހިރީ...!" ބަނޑުގައި އަތްޖައްސާލަމުން އާކިފު ބުންޏެވެ.
"ކީއްވެ ކޮއްކޮ ސައިނުބޮއެ ސްކޫލަށް ދިޔައީ...! ފަތިހު ތެދުވެ ދައްތަ ސައިވެސް ކައްކާފަ ހުންނާނީ...!" ތަށިތައް ނަގަމުން ނާޒިމާ ބުންޏެވެ.
"އެކަމަކު ދައްތަ އާކިފު އަކަށް ނުގޮވަމެއްނު...! ހޭލެވުނީ ވަރަށް ލަހުން...! ކިރިޔާ ގަޑިނުޖެހި ސްކޫލަށް ދެވުނީވެސް...! މާދަމާއިން ފެށިގެން ކޮންމެ ދުވަހަކުވެސް ހެނދުނު ދައްތަ އާކިފު އަށް ގޮވައްޗޭ...! ކާމޭޒު ދޮށުގައި އިށީންނަމުން އާކިފު ބުންޏެވެ.
"ދައްތައެއް ނުހުންނާނެ ކޮންމެ ދުވަހަކު ހެނދުނު ކޮއްކޮއަށް ގޮވާކަށް...! އެހެންވީމަ ކޮއްކޮ ޖެހޭނެ މީހަކު ނުގޮވިޔަސް ކޮންމެ ދުވަހަކުވެސް ވަގުތުއޮއްވަ ސްކޫލަށްދާން ހޭލަން ފަރިތަކުރަން...! އެއްދުވަހު އަމިއްލައަށް ހޭލައިފިއްޔާ އަނެއްދުވަހުވެސް ހޭލެވޭނެ...! އެހެންވީމާ މާދަން ކޮއްކޮ ބަލަންވާނެ ތަންކޮޅެއް ކުރިން އަމިއްލައަށް ހޭލެވޭތޯ...! އެހާ ލަސްނުވަނިސް ނިދީމަ ހޭލެވޭނެ...! ކޮއްކޮ މާލަހީ ނިދަން އޮށޯންނަލެއް...!" އާކިފުގެ ތައްޓަށް ބަތް އަޅާދެމުން ނާޒިމާ ބުންޏެވެ.
"އާކިފު ބަދިގެއަށް ވަންއިރު ދައްތަ ކީއްވެ ރޯން އިނީ...! ކޮންކަމަކާ ދައްތަ ދެރަވީ...! އާކިފު ކައިރީ ބުނެބަލަ..! އޭރުން ދައްތަ ރުޔަކަ ނުދޭނަން...! އާކިފު ދައްތަ ހެޕީ ކޮށްލަދޭނަމޭ...!" ތޭރަ އަހަރުގެ ކުޑަކުޑަ އާކިފު ނާޒިމާ އާ ދިމާއަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ.
"ކޮއްކޮ އެކަމާ އަޅާނުލާ...! ދައްތަ މަންމަގެ މަތިން ހަނދާންވެފަ ރޮވުނީ...! މަޑުމަޑުން ގަޔަށް ނާޅާ އިނދެ ބަތްކާލައިގެން މިތާ ތަށިބައިންދާފަ އަތް ދޮވެލައިގެންގޮސް ޔުނިފޯމް ބަދަލުކޮށްލައިގެން ފެންވަރާލާ..! ހަނދާންކޮށް ތި ޔުނީފޯމް ކޮނޑެއްގައި އަޅުވާތި...! މާދަމާވެސް ލާންޖެހޭނީ ތި ޔުނީފޯމެއްނު...! އެހެންނޫނީ މުޅި ޔުނޯފީމު އޮންނާނީ ރޫ ޖެހިފަ ހަޑިވެފަ...! ދައްތަ އަންނާނަން ކޮޓަރިއަށް ގޮއްސަ...!" ނާޒިމާ ތެދުވެގެން ހިނގައިގަންނަމުން ބުންޏެވެ.
ހަވީރު ނާޒިމާ ފެންވަރައިގެން ތައްޔާރުވަމުންދިޔައީ ނަދުވީ އާ ބައްދަލު ކުރުމަށް ނިކަގަސް ދޮށަށް ދިއުމަށެވެ. ނާޒިމާ ލާން ބޭނުންވީ އޭނާއަށް އަބަދުވެސް އެންމެ ރީތި ހުދުކުލައިގެ ޖިންސާއި، ރަތްކޮޅާގައި އަތްދިގު ޓޮޕެވެ. ދުވަސްކޮޅަކަށްފަހު އެ ޖިންސް ލީއިރު ނާޒިމާއަށް ކުޑަކޮން ބާރެވެ. އެހެން ނަމަވެސް ގަދަކަމުން ޖިންސު މައްޗަށް އަރުވާލުމަށްފަހު ޒިބު އަޅުވާލިއެވެ. ޓޮޕްވެސް ހުރީ ގަޔަށް ބާރުވެފައެވެ. ނާޒިމާ ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓިހުރެ އެކިއެކި އަރިއަރިން ބަލާލިއެވެ. ބަނޑަށް ބާރުވެފައިހުރި އެ ޓޮޕްގެ ސަބަބުންވެސް ނާޒިމާގެ ހަށިގަނޑަށް ބަދަލުތަކެއް އައިސްފައިވާކަން ބަލާލާ ކޮންމެ މީހަކަށްވެސް އެނގޭހާ ވެއެވެ. ނާޒިމާ އެޓޮޕް ބޭލުމަށްފަހު ދެން ލީ ކަޅުކުލައިގެ ގަޔަށް ވަރަށް ދޫ ޓޮޕެކެވެ. އާދާއިގެ ގޮތަކަށް ތައްޔާރު ވެލައިގެން ނާޒިމާ ގެއިން ނުކުތްއިރު ބޮޑުދައިތަ ކޮޓަރި ތެރޭގައި އުޅެއެވެ. ބޮޑުދައިތަގެ ފިރިމީހާގެ ފައިވާން ފެންނަށް ނެތުމުން އޭނާ ގޭގައި ނެތްކަން ނާޒިމާއަށް އެނގެއެވެ. ނާޒިމާ މަޑުމަޑުން ހިނގަމުންގޮސް ނިކުތީ ރަށުގެ އަތިރިމައްޗަށެވެ. ހަވީރުގެ އެ ހިތްފަސޭހަ ވަގުތުގައި ޖެހުމުން ދިޔަ ހިތްފަސޭހަ ވައިގެ ތެރޭގައި ނާޒިމާ މަޑުމަޑުން ހިނގަމުން ދިޔައިރު ނާޒިމާގެ ހިތުގައި އެއްވެސް ހަމަޖެހުމެއް ނެތެވެ. މޫނުމަތީގައިވަނީ މާޔޫސް ކަމުގެ އަސަރެވެ. ނާޒިމާ ނިކަގަސް ކައިރިއަށް ދިޔައިރު އެތަނުގައި ހަދާފައިވާ އަށްޓެއްގައި ނަދުވީ އިށީނދެލައިގެން އިނެވެ.
"ކޮންއިރެއް އަހަރެން މިތާ އިންތިޒާރު ކުރާތާ...!" ނާޒިމާ ފެނުމުން ނަދުވީ އަތުގައި އޮތް ގަޑިބަލާލުމަށްފަހު އަށިން ތެދުވެގެން ނާޒިމާއާ ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ.
"އަހަރެން ބުނީމެއްނު ފަހެއް ޖަހާއިރަށް އަންނާށޭ...! އަދި ފަހެއް ޖަހަން ދިހަވަރަކަށް މިނިޓް އެބަހުރި...! މަށަށްވެސް މިއާދެވުނީ ތަންކޮޅެއް އަވަހަށް...!" ނާޒިމާ، އޭނާގެ އަތުގައި އޮތް ގަޑި ބަލާލުމަށްފަހު ބުންޏެވެ.
"ނާޒިމާ ތަނަކަށް އަންނަން ގަޑިކިޔާފިއްޔާ އަބަދުވެސް އަހަރެން އެގަޑިއަކަށްވުރެ ފަނަރަ ވަރަކަށް މިނިޓް ކުރިން އަންނަމެއްނު...! އެކަމަކު ނާޒިމާ ހާސްވެފަ ހުރިވަމުން ނާޒިމާ ދައްކަން އުޅޭ ވާހަކައެއް އަޑު އަހަން ކެތްމަދުވެފަހުރި ވަމުން މިއަދު އެއަށްވުރެވެސް ކުރިން އާދެވިއްޖެ...! އާދެބަލަ މިތާ އިށީންނަން...!" ނަދުވީ ގޮސް ނާޒިމާގެ އަތުގައި ހިފާލުމަށްފަހު އަށްޓާ ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ.
ނާޒިމާ، ނަދުވީ އާއެކު ގޮސް އަށީގައި އިށީނެވެ. އެހެން ނަމަވެސް ނާޒިމާ އިނީ އެވާހަކަ ދައްކަން ފަށާނެ ގޮތެއް ނޭނގިފައި އިސްޖަހާލައިގެންނެވެ.
"އޭތް...! ކިހިނެތްވީ...؟ މާ މަޑުމަޑުން ތިއިންނަނީ އަނެއްކާ ކިހިނެތްވީ...؟ ގައިމު ބުނީމެއްނު ވަގުތެއް ނެތޭ...! ވަގުތު ނެތިއްޔާ އަވަހަށް ތި ބުނަންއުޅޭ ވާހަކަ އެއް ބުނެބަލަ...! ކަމެއް ގޯސްވީތަ..! އަނެއްކާ އަހަރުމެން މެރީ ކުރަންވީތަ...؟" ހީނލާފައި ސަމާސާ ރާގަކަށް ނަދުވީ ވާހަކަ ދެއްކިއެވެ.
"ނަދުވީ...! މިއީ ތި ހީކުރާ ވަރަށްވުރެ މާ ސީރިއަސް ކަމެކޭ...! އަހަންނަކަށް ނޭނގޭ އަހަރެން މިވާހަކަ ދައްކަން ފަށާނެ ގޮތެއްވެސް...! އަހަރެން މިވަނީ ހަތަރު އުދަރެސް ފެނުޖެހިފަ...! ދުނިޔެ މަތިން ފޫހިވެފަ...! އަހަންނަށް އެހީވާނެ އެއްވެސް މީހަކު ނެތް...!" ގިސްލަ ގިސްލާފާ ރޮމުން ނާޒިމާ ވާހަކަ ދެއްކިއެވެ.
"އޭ...! ނުރޮއި...! ބުނެބަލަ ތި ވެގެން އުޅޭގޮތެއް...! ނާޒިމާ އާ އަޅާލަން އަހަރެން މިހިރީނު...! ނާޒިމާ ދެކެ އެންމެ ލޯބިވާ މި ނަދުވީ އަބަދުވެސް ހުންނާނީ ނާޒިމާ އާއެކުގައޭ...! ބަދަލެއް ނުވާނެ...! ކޮންމެ މީހަކު ނާޒިމާއާ ދެތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަހަރެން އަބަދުވެސް ނާޒިމާގެ މީހެއްގެ ގޮތުގައި ހުންނާނަން..." އިސްޖަހައިގެން އިން ނާޒިމާގެ ދަތްދޮޅީގައި ހިފައި އުފުލާލަމުން ނަދުވީ ވާހަކަ ދެއްކިއެވެ.
"ނަދުވީ ވެސް ތިހެން ތިބުނަނީ ވެގެން އުޅޭގޮތް އަދި ނޭނގޭތީ...! ނަދުވީއަށް ފެނެއެއްނު އަހަންނަށް އަންނަމުން މިދާ ބަދަލުތައް...! ނަދުވީ އެކަމާ ކިހާވަރަކަށް އަހަންނާ ސުވާލު ކުރިން...! އެކަމަކު އަހަރެން އެކަމަކަށް ޖަވާބެއް ނުދެމެއްނު...! އެ ސުވާލުތަކަށް ޖަވާބު ނުދިނީ އަހަންނަށް އޭރު އެ ހިތްވަރު ނުލިބިގެން...! އަހަރެން ބޭނުމެއްނޫން ނަދުވީ ދެރަކުރާކަށް...! މިހާރު އަހަރެންގެ ހަށިގަނޑަށް ރަނގަޅަށް ބަލާލަބަލަ..! ނަދުވީއަށް ހަމަ އެއްވެސް އެއްޗެއް ނޭނގޭތަ....؟" ނަދުވީ އާ ދިމާއަށް ބަލަން އިނދެ ރޮމުން ރޮމުން ނާޒިމާ ވާހަކަ ދެއްކިއެވެ.
"އަހަންނަކަށް އެއްވެސް އެއްޗެއް ނޭނގެ...! ހަމައެކަނި ހީވާ ހީވުމެއް އޮތީ...! އެކަމަކު އަހަންނަށް ހީވާ އެއްޗެއް އަހަރެން ބުނާކަށް ބޭނުމެއްނޫން....! އަހަރެން ނާޒިމާއާއެކީ އެކަހަލަ ކަމެއް ދުވަހަކުވެސް ނުކުރަން...! އަހަރެން ނާޒިމާ ދެކެވަނީ ޙަޤީޤީ ތެދުވެރި ލޯބި...! ކައިވެނީގެ ކުރިން އަހަރެން ބޭނުމެއް ނޫން އެ ނިޔަތުގައި ނާޒިމާގެ ހަށިގަނޑުގައި އިނގިލިކުރިވެސް ޖައްސާލާކަށް...! ކައިވެންޏަކީ އެންމެ މަތިވެރި ގުޅުން...! ކައިވެނީގެ ކުރިން ނާޒިމާގެ ކިބައިން އަހަރެން ދުވަހަކުވެސް އުފާ ހޯދާކަށް ބޭނުމެއް ނޫން...! ނުވެސް ހޯދާނަން...! އެހެންވީމާ އަހަންނަށް އެނގޭ އަހަންނަށް ހީވަމުންދާ ހީވުމަކީ ކުށްހީއެއް ކަން...!" ނާޒިމާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެދެމުން ނަދުވީ ވާހަކަ ދެއްކިއެވެ.
"އެކަމަކު... އެކަމަކު އަހަރެން ދިރިއުޅުން... ދިރިއުޅުން އެފުށް މިފުށަށް ޖެހިއްޖެ...! ދިރިއުޅުން މުޅިން ބަނަވެ އަނދިރި ވެއްޖެ...!" ނާޒިމާ ގިސްގިސްލާފައި ރޮމުން ވާހަކަ ދެއްކިއެވެ.
ނަދުވީ އަށް ކުއްލިއަކަށް ފެނުނީ ދުރުން ކޮންމެވެސް މިހާކު އެދިމާއަށް ހިނގާފައި އަންނަ ތަނެވެ.
"ހިނގާ މިތަނުންދާން...! އެއޮށް އަންނަނީ މިދިމާއަށް ކޮންމެސް މީހަކު...! އަހަރުމެން ދެމީހުން މިތާ ތިއްބަ ފެނިއްޖިއްޔާ ނާޒިމާގެ ބޮޑުދައިތަ ކައިރީގަވެސް ބުނެފާނެ...!" ނަދުވީ، ނާޒިމާގެ އަތުގައި ހިފާލުމަށްފަހު ބުންޏެވެ.
"އަސްތާ...! ބޮޑުދައިތަ ފިރިމީހާ...! ޔަޤީން އަހަރެން ގޭގައި ނެތީމަ ހޯދަން ނުކުތީކަން...! ދެމީހުން އެކީ ދިޔާމަ ކަމަކު ނުދާނެ...! އަހަރެން އެދިމާ ހޭޅިގަނޑާ ދިމާއަށް މިދަނީ...! އަހަރެން ދިޔައިމަ ނަދުވީ އާދޭ...!" ނާޒިމާ ތެދުވެގެން ބާރުބާރަށް ހިނގައިގަންނަމުން ބުންޏެވެ.
އާދަމްފުޅު ގެއަށް ދިޔައިރު ނާޒިމާ ގޭތެރެއިން ފެންނަން ނެތުމުން ނާޒިމާ ހޯދުމަށް ރަށުތެރޭގައި ހިނގުމަށްފަހު ވަރުބަލި ވެގެން ވައި ޖައްސާލުމަށްޓަކައި އަށްޓާ ދިމާއަށް އައެވެ.
"އާދަމްފުޅުބޭ ހާދަ ވަރުބަލިވެފަ، ދާހިތްލާ ފޯވެފަ...! ކޮންވަޑާމެއް...؟" އާދަމްފުޅު އައިސް އަށީގައި އިށީނުމާއެކު ނަދުވީ ސުވާލުކޮށްލިއެވެ.
"ފިނިކޮށްލަން މިތަނަށް މި ޖައްސާލީ...! ޖެހޭ ރޯޅީގެ އަރާމު ކަމުން...! ކަލޯ މިތާގައި މިގަޑީގައި ކޮންކަމެއްގަ...!" އަށީގައި އިށީންނަމުން އާދަމްފުޅު ބުންޏެވެ.
"އަހަރެންވެސް މިހެން ދަމުން ދަމުން ފިނިކޮށްލަން މަޑުކޮށްލީ...! އެކަމަކު ދެން ދާންވީ...!" އަށިން ތެދުވަމުން ނަދުވީ ބުންޏެވެ.
"އައްދެ...! އައްދެ...! އަހަރެން އައިސް އިށީންނައިރަށް ކީއްވެ ކަލޯ ތެދުވެގެން ތިދަނީ...؟ އިހަށް މިތާ ވާހަކަ ދައްކާލަން މަޑުކޮށްލަބަލަ..! ކަލޯ މިތާ އިން އިރު މި ހިސާބުން ދުށިންތަ އަހަރުމެން ގޯތި ނާޒިމާ...!" ތެދުވެތެދުވެ އިން ނަދުވީގެ އަތުގައި ހިފަމުން އާދަމްފުޅު ބުންޏެވެ.
"ގޭގައި ނެތްތަ...؟ އަހަރެން މިތަނަށް އައިއިރު ދުށިން ޖެހިގެން ހުރި ފިހާރައިން ނުކުމެގެން ނާޒިމާ ގޮސް ގެއަށް ވަންނަނިކޮށް...!" އާދަންފުޅު އެތަނުން އަވަހަށް ފޮނުވާލުމަށްޓަކައި ނަދުވީ ބުންޏެވެ.
"އެހެންތަ...؟ އެ މަންޖެ ނުފެނިގެން މިހޯދާލީ...! ދެން އެކަމަކު ގެއަށްދާނީ މިތަނުގައި ކުޑައިރުކޮޅަކު މަޑުކޮށްލާފައި...!" އަށީގައި އިށީނދެ ހަމަޖެހިލަމުން އާދަމްފުޅު ބުންޏެވެ.
ނަދުވީ އަށިން ތެދުވެގެން ނާޒިމާ ހޯދުމަށްޓަކައި ގޮސްވަނީ ކުރިމަތީގައި އޮތް ހޭޅިގަނޑުގެ އަނެއް ފަރާތަށެވެ. އޭރު އެދިމާލުން ތަންކޮޅެއް ދުރުގައި ހުރި ޖޯލިފައްޗެއްގައި ނާޒިމާ އިނެވެ. އެ ދިމާއަކީ އާންމުކޮށް މީހުން އައިސް ގޮސްއުޅޭ ހިސާބެއް ނޫނެވެ. ނާޒިމާ ޖޯލީގައި އިންތަން ފެނުމާއެކު ނަދުވީ ގޮސް ޖެހިގެން އިން ޖޯލީގައި އިށީނެވެ.
"ނާޒިމާ ރޮއިފަތަ ތިހިރީ...؟ މޫނުމަތިވެސް ހާދަ ދުޅައޭ...! ކިހިނެތްތަ މިހާރަކަށް އައިސް ނާޒިމާއަށް ތިވަނީ...؟ ނިކަން ބުނެބަލަ...!" ނާޒިމާއާ ދިމާއަށް ބަލަން އިނދެ ނަދުވީ ވާހަކަ ދެއްކިއެވެ.
"އަހަރެން...! އަހަރެން ބަލިވެއޭ މީނީ....! އިސްދަށަށް ޖަހާލަމުން ނާޒިމާ މަޑުމަޑުން ބުންޏެވެ.
"ތިހާބޮޑަށް ބަލިއްޔާ ވާނެ ހެލްތް ސެންޓަރަށް ގޮސް ދައްކާލަން...! ތިހިރީ މޫނުމައްޗަށްވެސް ވެފަހުރިވަރު...! ނާޒިމާއަށް ކޮންމެވެސް ގޮތެއްވާހެން އަހަންނަށްވެސް އެބަ ހީވެއޭ...! ޑޮކްޓަށް ދައްކާލާ ޓެސްޓްތައް ހަދާލާފަ ބޭސް ކާންފެށީމަ ތި ކަންކަން ރަނގަޅު ވެދާނެ...! އެހާބޮޑަށް ތިކަމާ ހާސްނުވެބަލަ...! ނާޒިމާއާ އެކީ ސެންޓަރަށް ދާނެ މީހަކު ނެތިއްޔާ އަހަރެން ހިނގައިދާނަމޭ...!" ނާޒިމާގެ އަތުގައި ހިފަހައްޓާލަމުން ނަދުވީ ބުންޏެވެ.
"ނޫނެކޭ...! ނޫނެކޭ...! އަހަރެން... އަހަރެން.... ބަނޑު ބޮނޑޭ...! އަހަރެން މިއިނީ ބަލިވެއޭ...!" ނަދުވީގެ އަތް ފޮޅުވާލަމުން ނާޒިމާ ރޮއިގަތެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 12 ޑިސެމްބަރު، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް