އާންމު ރައްޔިތުންނަށް ދަތިވާނެހެން ބާޒާރުގައި ފިޔާގެ އަގު މަތި ނުކުރުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިގޮތަށް އަންގާފައި މިވަނީ ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ބޮޑު ކުރަމުން އަންނަ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުން އަންނާތީ ކަމަށް ބުނެފައި ވެއެވެ.
މިކަމަށް އިޝާރާތްކޮށް އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ މިނިސްޓްރީން ބެލި ބެލުމުން މޫސުމީ ގޮތުން މި ވަގުތު އިންޑިއާ އަށް ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން ބައެއް ޤައުމުތަކަށް ފިޔާ އެކްސްޕޯޓުކުރުން ވަގުތީގޮތުން މަޑުޖައްސާލާފައިވީ ނަމަވެސް، ދިވެހި ރައްޔިތުންނަށް ފިޔާ ލިބުމުގައި ދަތިކަމެއް ދިމާވެދާނެ ފަދަ އެއްވެސް ފިޔަވަޅެއް އެ ޤައުމުން އަޅާފައި ނުވާ ކަމަށެވެ.
ރާއްޖެއަށް ފިޔާ އިމްޕޯޓުކުރާ ބައެއް ފަރާތްތަކާ އެ މިނިސްޓްރީން ކުރި މަޝްވަރާތަކުގައި އެ ފަރާތްތަކުން ވަނީ ރާއްޖެއަށް ދަތިކަމެއްނެތި ފިޔާ އިމްޕޯޓު ކުރެވޭނެ ކަމުގެ ޔަޤީންކަން ދީފައި ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
އެ މިނިސްޓްރީން ބުނީ ތަފާތު 23 ވިޔަފާރިއަކުން އަގު ބަލައި ކުރި ދިރާސާއިން ދައްކާގޮތުގައި، 23 ނޮވެމްބަރު 2023އާ އަޅާބަލާއިރު 10 ޑިސެމްބަރު 2023ގައި ބާޒާރުގައި %20 އާއި %50 އާ ދެމެދު ފިޔާގެ އަގު އުފުލިފައިވާ ކަމަށެވެ.
ފިޔާ އަދި އެހެނިހެން ޒަރޫރީ ބާވަތްތައް ރާއްޖެއަށް އިމްޕޯޓު ކުރުމަށް އެއްވެސް ދަތިކަމެއް ނެތްކަމަށާއި ދަތި ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެކަމަށް އެކަށޭނެ ހައްލެއް ސަރުކާރުން ހޯދައިދޭނެ ކަމުގެ ޔަޤީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.
މިގޮތުން އާންމު ރައްޔިތުންނަށް ދަތިވާގޮތަށް ބާޒާރުގައި ފިޔާގެ އަގު މަތި ނުކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް