ތުރުކީވިލާތާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް، ދެ ޤައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިޤްތިޞާދީ، އަދި ޘަޤާފީ ގުޅުންތައް އިތުރަށް ކުރި އެރުވުމަށްޓަކައި، ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމު ކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާފުޅާއެކު ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މުޢިއްޒު މި ނިންމެވުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.
އެގޮތުން، މި ނިންމެވުން ނިންމެވީ، ތުރުކީވިލާތަކީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ބާވަތްތަކުގެ މުދާ (އެސެންޝަލް ކޮމޯޑިޓީސް) ދިވެހިރާއްޖެއަށް އެތެރެކުރާ ޤައުކަމަށްވުމާއި، ރާއްޖެއަށް އެތެރެކުރަންޖެހޭ އެހެނިހެން މުހިންމު ސާމާނުވެސް ފަސޭހަކަމާއެކު ލިބެން ހުރި ޤައުމަކަށްވާތީއެވެ.
ތުރުކީވިލާތުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި ކުރިއަރުވައި ރާއްޖޭގެ އުފެއްދުންތައް ތުރުކީވިލާތަށް އެކްސްޕޯޓު ކުރުމަށްވެސް އިތުރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތަޢުލީމު ޙާސިލު ކުރުމަށް ތުރުކީވިލާތަށް ދިއުމާއި
އެ ޤައުމަށް ދާ ދިވެހި ފަތުރުވެރިންގެ ޢަދަދުވެސް އިތުރުވަމުން ދިއުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
އަންކާރާގައި ދިވެހިރާއްޖޭގެ އެމްބަސީ ޤާއިމު ކުރުމުން ކޮންސިއުލަރ ޚިދުމަތްތައްވެސް ފަސޭހައިން ލިބޭނެގޮތް ހަމަޖެހިގެންދާނެއެވެ.
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1979 މޭ 28 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް