މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ޒަކާތާއި ގުޅޭ ކަންކަން ކުރުމަށް ވަކި އިދާރާއެއް ޤާއިމު ކުރަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.
ޒަކާތު ހައުސް އުފެއްދުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ 100 ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ، މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް ޤާއިމު ކުރަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށެވެ.
ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ މިހާރު ބޭނުން ކުރަމުން އަންނަނީ މާ ބޮޑު ނިޒާމީ ވިސްނުންތަކެއް ނެތި ކަން ފާހަގަކުރައްވާ ފިރުޒުލް ވިދާޅުވީ ޒަކާތާއި ގުޅޭކަންކަމަށް ވަކި އިދާރާއެއް ޤާއިމު ކުރުމުގެ ބޭނުމަކީ ޒަކާތު ފައިސާއިން ކުރެވޭ މަސައްކަތްތައް އިތުރު ކުރުމަށް ކަމަށެވެ.
ހަމަ އެހެންމެ އޭގެ ނަފާ ޒަކާތް ހައްޤުވާ ފަރާތްތަކަށް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުން ހިމެނޭ ކަމަށްވެސް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޒަކާތު ފަންޑަށް މިހާރު ލިބޭ މިންވަރު ދެގުނަ އިތުރު ކުރުމަށްވެސް މި އިދާރާ އިން ޚާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް