ގެދޮރު ވެރިޔާ ޕޯޓަލްގެ އެކްސެސް އޭސީސީއަށް ދީފި

ގެދޮރު ވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓުގެ މައްސަލަތައް ތަހުޤީގުކުރުމަށް ގެދޮރުވެރިޔާ ޕޯޓަލްގެ ފުލް އެކްސެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދީފިއެވެ. ގެދޮރުވެރިޔާ ސްކީމަކީ ކ...

10 Dec 2023 | 10:38

ގެދޮރު ވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓުގެ މައްސަލަތައް ތަހުޤީގުކުރުމަށް ގެދޮރުވެރިޔާ ޕޯޓަލްގެ ފުލް އެކްސެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދީފިއެވެ.

ގެދޮރުވެރިޔާ ސްކީމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފަށާފައިވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން ފުރަތަމަ ދޫކުރަން ހަމަޖެހިފައިވާ

4000 ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓުގައި ތަހުޤީގުކުރަންޖެހޭ ބޮޑެތި މައްސަލަތަކެއް ހުރިކަމަށް އޭސީސީން މީގެ ކުރިން ވަނީ ބުނެފައެވެ.

އޭސީސީން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4،000 ފުލެޓާ ގުޅިގެން ކޮމިޝަނަށް ހުށަހާފައިވާ މައްސަލައިގެ ތަހުޤީގުގެ ބޭނުމަށް، ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް، ހައުސިން މިނިސްޓްރީން އެ ކޮމިޝަނަށް މިހާރު ދީފައިވާ ކަމަށެވެ.

އެގޮތުން ގެދޮރުވެރިޔާ ޕޯޓަލަށް އެކްސެސް ދިނުމާއެކު، މި މައްސަލައިގެ ތަހުޤީގުގައި އިތުރަށް ބަލާ ފުރިހަމަ ކުރުމަށް ކުރަން ޖެހޭ ކަންކަން ފެށިގެން ކުރިއަށްދާ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން އިތުރަށް ބުނީ މި މައްސަލައިގެ ތަހުޤީގު ކުރިއަށް ގެންދާ މިންވަރަކުން ތަހުޤީގަށް ހުރަސްނޭޅޭނެހެން މައްސަލައާ ގުޅޭ މަޢުލޫމާތު ކޮމިޝަނުން މީޑިއާ އަށް ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

ގެދޮރު ވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރުމާއެކު އާންމު ރައްޔިތުންގެ ގިނަ ބައެއް ފާޑު ކިޔުން އެ ލިސްޓަށް އަމާޒުވެ، ބައެއް ފަރާތްތަކުން ވަނީ ހައުސިން މިނިސްޓްރީ އަށް ވަދެ އިހުތިޖާޖުވެސް ކޮށްފައެވެ.

މީގެ އިތުރުން މި ލިސްޓުގައި ޝަރުތު ހަމަ ނުވާ މީހުނާއި އުސޫލުން ބޭރުން ޕޮއިންޓް ދީފައިވާ ކަމަށް ބުނާ މީހުން ހިމެނޭ ކަމަށް ބުނެ އެ ލިސްޓަށް ފްލެޓް ދިނުން ހުއްޓާލަން އޭސީސީން ވަނީ ހައުސިން މިނިސްޓްރީ އަށް އަންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް