ތާރީޚް: 11 ޑިސެމްބަރ 2022
ގަޑި: 00:00
ސްޓޭޑިއަމް: އަލް ބައިތު ސްޓޭޑިއަމް
ފީފާ ރޭންކިންގ: އިންގްލެންޑް (5)، ފްރާންސް (4)
ހެޑް-ޓު-ހެޑް ނަތީޖާތައް:
މީގެ ކުރިން މި ދެ ގައުމުގެ ކުރިމަތިލުމެއް 1966 އަދި 1982 ގެ ވޯލްޑް ކަޕްގައި ވެސް ފެނިފައިވާއިރު، އެ ދެ މެޗު ވެސް ކާމިޔާބު ކޮށްފައިވަނީ އިންގްލެންޑެވެ.
ފީފާ ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލްގައި އިންގްލެންޑާއި ފްރާންސް މިރޭ ރާއްޖެ ގަޑިން 00:00 ގައި ވާދަކުރާއިރު، މި ދެ ގައުމުގެ ކުރިމަތިލުން ވަރަށް ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ.
އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އިންގްލެންޑާ ދެކޮޅަށް ނުކުންނައިރު، އިންގްލެންޑް ގެ ރެކޯޑް މި މުބާރާތުގައި އަދި ވަރަށް ރަނގަޅެވެ. އިންގްލެންޑް އަދި މި މުބާރާތުގައި ބަލި ވެފައެއް ނެތެވެ. 4 މެޗުން އެ ގައުމު 12 ލަނޑު ޖަހާފައިވާއިރު، ބައިކޮޅަށް އަދި ވަދެފައިވަނީ އެންމެ 2 ލަނޑެވެ.
އިންގްލެންޑްގެ މި ފުރިހަމަ ތަފާސް ހިސާބުތަކަށް ގޮންޖަހާލެވޭނެ އެއް ޓީމަކީ ޔަގީނުން ވެސް ފްރާންސެވެ. ރައުންޑް އޮފް 16 ގައި، ފްރާންސުން ވަނީ ޕޮލެންޑާ ދެކޮޅަށް ވަރަށް މޮޅު ކުޅުމެއް ދައްކާފައެވެ. ޚާއްސަކޮށް އެމްބާޕޭގެ ޖާދުލާއެކު، ފްރާންސްގެ އެޓޭކްތައް ހުއްޓުވުމަކީ ވެސް ވުމަށްވުރެ ނުވުން ގާތްކަމެއް ކަމަށް ފެނެއެވެ.
އެމްބާޕޭއަށް ޚާއްސަ ސަމާލުކަމެއް ނުދޭނެކަމަށް ބުނެވިދާނެއެވެ. އެހެނަސް، އިންގްލެންޑް މެޗުން މޮޅުވާން ބޭނުންވާނަމަ، މިރޭގައި 23 އަހަރުގެ ފޯވާޑް ހިފަހައްޓަން ކުރެވެން އޮތް ކޮންމެ ކަމެއް ކުރަން ޖެހޭނެއެވެ. ނޫނީ އެމްބާޕޭގެ ދުވެލި ބާރުކަމާއި، ފޮނުވާލާ ބާރު ހަމަލާތަކުގެ ޝިކާރައަކަށްވެ އިނގިރޭސިންގެ ކަންތައް ނިމިދާނެއެވެ.
އެމްޕާބޭގެ އިތުރުން ޖިރޫ، ޑެމްބެލޭ އަދި ގްރީޒްމަންގެ ފަރާތުން ވެސް ފެންނަނީ ވަރަށް ގުޅުން ރަނގަޅު ކުޅުމެކެވެ.
އިންގްލެންޑަށް ބަލާއިރު، އެ ޓީމުގެ ޒުވާން ކުޅުންތެރިން ކަމަށްވާ ޖޫޑް ބެލިންހަން، ފިލް ފޯޑެން އަދި ބުކަޔޯ ސަކާގެ ބޭނުން ފުރިހަމައަށް ކުރެވިއްޖެނަމަ ރަނގަޅު ނަތީޖާއަކާ ހަމައަށް ދެވުން ގާތެވެ. މީގެ އިތުރުން އިންގްލެންޑަށް އޮތް އިތުރު ހިތްހަމަޖެހުމަކީ، އާއިލީ ސަބަބަކާ ހުރެ ޓީމާ ވަގުތީ ގޮތުން ވަކިވާން ޖެހުނު ރަހީމް ސްޓާލިން މިހާރު އަލުން ޓީމާ ގުޅިފައިވުމެވެ.
މޮޅުވާ ބަޔަކު ވާދަކުރަން ޖެހޭނީ ކޮން ބަޔަކާ؟
މި މެޗުން މޮޅުވާ ގައުމެއް ސެމީ ފައިނަލްގައި ވާދަކުރަން ޖެހޭނީ މޮރޮކޯއާއެވެ. މޮރޮކޯއިން މިރޭ ވަނީ 1-0 ގެ ނަތީޖާއިން ޕޯޗުގަލް ބަލިކޮށްފައެވެ.
ދުވަސްގެ ލަފާކުރުން:
މި މެޗަށް ދުވަސްގެ ލަފާކުރުމަކީ، 2-1 ގެ ނަތީޖާއިން ފްރާންސް މޮޅުވުމެވެ.
އިންގްލެންޑް ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:
ޕިކްފޯޑް، ވޯކާ، ސްޓޯންސް، މެގުއަޔާ، ޝޯ، ހެންޑާސަން، ރައިސް، ބެލިންހަމް، ސަކާ، ކޭން، ފޯޑެން
ފްރާންސް ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:
ލޮރިސް، ކުންޑޭ، ވެރޭން، އުޕަމެކާނޯ، ތިއޯ ހެނާންޑޭޒް، ޗުއަމެނީ، ރެބިއޯ، ޑެމްބެލޭ، ގްރީޒްމަން، އެމްބާޕޭ، ޖިރޫ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް