ފީފާ ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލްގައި މިރޭ 1-0 ގެ ނަތީޖާއިން ޕޯޗުގަލް ބަލިކޮށް، ވޯލްޑް ކަޕްގެ ތާރީޚްގައި، ސެމީ ފައިނަލަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ގައުމުގެ ޝަރަފު މޮރޮކޯއިން ހޯދައިފިއެވެ.
މޮރޮކޯގެ ހައިރާން ކުރަނިވި ހުވަފެނީ ދަތުރު، އިތުރު ހަރުފަތަކަށް ކުރިޔަށް ދިޔައިރު، އެ ގައުމުން ވަނީ ރައުންޑް އޮފް 16 ގައި ސްޕެއިން ވެސް ބަލިކޮށްފައެވެ. އަދި މިހާތަނަށް މުބާރާތުގައި ބައިކޮޅަށް އެންމެ މަދު ލަނޑު ވަން ޓީމަކީ ވެސް އެއީއެވެ.
މިރޭގެ މެޗު ފެށިގެން ކުރީކޮޅު ޕޯޗުގަލްއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ހީކުރި ގޮތާ ހިލާފަށް، ފަހަތަށް ޖެހިގެން ތިބުމުގެ ބަދަލުގައި، މޮރޮކޯއިން ލިބޭ ފުރުސަތުތަކުގައި ބޯޅަ ހިފަހައްޓައިގެން ކުޅެ އެޓޭކް ކުރަން މަސައްކަތް ކުރަމުން ދިޔައެވެ. ފުރަތަމަ ހާފުގައި ޕޯޗުގަލްއަށް އެހާ ހުސް ފުރުސަތުތަކެއް ތަނަވަސް ނުކުރެވުނުއިރު، މެޗުގައި ފެނުނު ހަމައެކަނި ލަނޑު، ފުރަތަމަ ހާފު ނިމެނިކޮށް މޮރޮކޯއަށް ކާމިޔާބުކޮށްދިނީ އަން-ނަސޭރީ އެވެ. އަތިޔަތުﷲ ނަގައިދިން ހުރަހަކުން އޭނާ ލަނޑު ޖެހީ، ޕޯޗުގަލްގެ ޑިފެންޑަރުންނަށްވުރެ މާމަތިން އަރާ ބޮލުން ޖަހައެވެ.
ދެ ވަނަ ހާފުގައި ޕޯޗުގަލްއިން ރޮނާލްޑޯ ވެސް ކުޅެން އަރުވައި، އެއްވަރު ކޮށްލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް، އެހާ ނުރައްކާތެރި ހަމަލާތަކެއް އެ ޓީމަށް އުފެއްދޭގޮތް ނުވިއިރު، ކައުންޓަރ އެޓޭކްތަކުގައި މޮރޮކޯ ފެނުނީ ވަރަށް ނުރައްކާތެރިކޮށެވެ.
މި ނަތީޖާއާއެކު، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕްކަމުގައި ބެލެވުނު މުބާރާތް ހުސްއަތާ ނިންމާލަން ޖެހުނުއިރު، މޮރޮކޯއިން މި ވަނީ ޔޫރަޕްގެ ބޮޑު 3 ގައުމެއް ބިމާ ހަމަކޮށްފައެވެ. އެއީ ގްރޫޕް ސްޓޭޖްގައި މޮރޮކޯ، ރައުންޑް އޮފް 16 ގައި ސްޕެއިން އަދި ކުއާޓާ ފައިނަލްގައި ޕޯޗުގަލް އެވެ.
މޮރޮކޯ ސެމީ ފައިނަލްގައި ވާދަކުރަން ޖެހޭނީ މިރޭ ދަންވަރު 12:00 ގައި އިންގްލެންޑާއި ފްރާންސް ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް