އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) ގެ މެމްބަރު ގައުމަކަށް ރާއްޖެ ހޮވިއްޖެ އެވެ.
މި އޮގައިޒޭޝަނަކީ ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީއަށާއި ފަގީރުކުރަން ކުޑަކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.
ރައީސް އޮފީހުން ބުނީ އެންގޯލާގެ ވެރިރަށް ލުއާންޑާގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިޔަށް ގެންދިޔަ އޯއޭސީޕީއެސްގެ 10 ވަނަ ސަމިޓުގައި އެ ޖަމިއްޔާގެ މެމްބަރު ހުރިހާ ގައުމަކުން ވެސް، އެ ޖަމިއްޔާގެ ފުރިހަމަ މެމްބަރު ގައުމަކަށް ރާއްޖެވުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް ތާއީދުކޮށްފައިވާ ކަމަށެވެ.
އެ ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ވަފުދުގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.
އޯއޭސީޕީއެސްގެ ހުރިހާ މެމްބަރު ގައުމުތަކުގެ ތާއީދު ލިބުމާއެކު، އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކުން އަދާކުރަން ޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ "ރިވައިސްޑް ޖޯޖްޓައުން އެގްރީމެންޓް" އަށް ރާއްޖެއިން އެއްބަސްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އޯއޭސީީޕީއެސްގެ ފުރިހަމަ މެމްބަރު ގައުމަކަށް ވުމަށް ރާއްޖެއިން ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގަ އެވެ. މި އަހަރު މާޗު މަހުގައި އެކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ވެސް ދިނެވެ.
ރައީސް އޮފީހުން ބުނީ އޯއޭސީޕީއެސް އިން މި އަހަރުގެ ޖޫން މަހު، އެ ޖަމިއްޔާގެ "އޮބްޒާވަ ސްޓޭޓަސް" ރާއްޖެއަށް ދީފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް