ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި އެންމެ ގިނަ ދިވެހިން ސަޕޯޓު ކުރާ އެއް ޓީމަކީ ބްރެޒިލް އެވެ.
ބްރެޒިލް ފުޓުބޯޅަ ކުޅޭ މެޗުތަކުގެ ގަޑީގައި މަގުމައްޗަށް އިވޭ ހަޅޭކުގެ އަޑާއި ބޮޑު ސްކްރީންތައް ބަހައްޓާފައި ހުންނަ ސަރަހައްދު ފުރާލައޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. އެންމެ ގިނައިން މި ދުވަސްވަރު މީހުން ލައިގެން ފެންނަ ޖާޒީއަކީވެސް ބްރެޒިލް ޖާޒީ އެވެ.
ވޯލްޑު ކަޕާއި އެކު ފުޓުބޯޅަ ފޯރި ގަދަވެ ސެމީ ފައިނަލްގެ މެޗުތައް ރޭ ފެށުނު އިރު ގިނަ ބަޔަކު ކައްކާލައި، ހިންގާލާކަހަލަ އެއްޗެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފެވެ. ބްރެޒިލްއަށް ސަޕޯޓު ކުރައްވާ މިނިސްޓަރު ސޯޝަލް މީޑިއާގައި މެޗު ފެށުމުގެ ކުރިން ވިދާޅުވެފައިވަނީ ފުޓުބޯޅައަކީ ވަށްކޮށް އޮންނަ އެއްޗެއްކަން ރޭގެ މެޗުގައި ބްރެޒިލް ދައްކާލާނެ ކަމަށެވެ.
މިނިސްޓަރު މާނަ ކުރެއްވީ މިހާތަނަށް އެންމެ ގިނަ ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލް ބަލި ނުކުރެވޭނެ ކަމާއި ގޯލާއި ރައްޓެހި އެ ޓީމުން، ވަރަށް ގިނަ ގޯލުތަކެއް ޖަހާތަން ފެންނާނެ ކަން ކަމަށް ބެލެވެ އެވެ.
އެކަމަކު ހައިރާން ކުރުވަނިވިގޮތަކަށް ޕެނަލްޓީން ބަލިވެ، ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތަށް، ވަރުގަދަ ބްރެޒިލް އަލްވަދާއު ކިޔަން ޖެހުން ވެގެންދިޔައީ ބްރެޒިލްއާއި ދެކޮޅަށް ސަޕޯޓު ކުރާ މީހުންނާއި ހާއްސަކޮށް، އާޖެންޓީނާ އާއި ފްރާންސްފަދަ ގައުމުތަކުގެ ސްޕޯޓަރުންނަށް ބޮޑު އީދެއް އައިފަދަ ކަމަށެވެ. އެ މަޖާގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވީ ބްރެޒިލްއަށް ސަޕޯޓު ނުކުރާ ދިވެހިން މިނިސްޓަރު މަހުލޫފާއި ދިމާކޮށް، މަޖާނެގުމެވެ.
އެކުވެރިން އެއްބަޔަކު އަނެއް ބަޔަކަށް ބްރެޒިލް ދަށްވެގެން ދިމާކޮށް، ހެދި އިރުވެސް މަހުލޫފުގެ ސްޓޭޓަސް އޭގެ ތެރެއަށް ވައްދައެވެ. ނޫސްވެރިންވެސް މިނިސްޓަރު މަހުލޫފަށް ބޯޅައިގެ ވަށްކަން ފެނިވަޑައިގެންނެވިތޯ އަހައި މަޖާ ނަގާފައިވެ އެވެ.
އޭގެ ތެރެއިން ޕޯސްޓަކަށް މަހުލޫފު ވަނީ ރުޅިއަންނަ ކަމަށް ދެއްކެވުމުގެ ގޮތުން އިމޯޖީއެއް ފޮނުއްވައި ރޭ ބްރެޒިލް އާއި ކްރޮއޭޝިއާ މެޗު ކުޅުނީ ހަތަރެސްކަން ބޯޅައަކުން ކަމަށް ވިދާޅުވެފައި އެވެ.
ކުޅިވަރުތަކަކީ ރައްޔިތުން އެއްބައިކޮށް އެކަތިގަނޑަކަށް ހަދާއެއްޗެއް ކަމަށް އަބަދުވެސް ބުނެ އެވެ. ހާއްސަކޮށް ދިިވެހިންނަށް ފުޓުބޯޅައަކީ ހާއްސަ ކުޅިވަރެކެވެ.
މިފަހަރު މިނިސްޓަރުގެ ސްޓޭޓަސްއިން އެންމެންނަށް އުފާވެރިކަން ގެނެސްދީ ހެއްވާލައިފި އެވެ. ކުރައްވާ ތާއީދެއްގެ ތެރެއިން ނަމަވެސް ލިޔުއްވި އެ ސްޓޭޓަސްއިން އެންމެން އެކަތިގަނޑަކަށް މިނިސްޓަރު ހައްދަވައިފި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް