ރޮނާލްޑޯ އާއި ނުލާ ޕޯޗުގަލް މާ މޮޅަށް ކުޅޭ ކަމަށާއި މިރޭ މޮރޮކޯއާއި ދެކޮޅަށް ކުޅޭ ކުއަޓާ ފައިނަލް މެޗުން ވެސް ރޮނާލްޑޯއަށް ފުރުސަތު ނުދިނުމަކީ ވަރަށް އުފާވާނެ ކަމެއް ކަމަށް މޮރޮކޯ ޓީމުގެ ކޯޗު ވަލީދު ރެގްރާގީ ބުނެފިއެވެ.
މިރޭ ޕޯޗުގަލް އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރެގްރާގީ ބުނީ މި މެޗުގެ ކުރިން ސްވިޒަލެންޑާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ރޮނާލްޑޯ އަށް ފުރުސަތު ނުދިން ގޮތައް މިރޭ މޮރޮކޯއާއި ދެކޮޅަށް ކުޅޭ މެޗުން ވެސް ރޮނާލްޑޯ އަށް ފުރުސަތު ނުދިނުމަކީ ޕޯޗުގަލް އަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި އެއީ އޭނާ ވަރަށް އުފާކުރާނޭ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
ރޮނާލްޑޯ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށާއި ނަމަވެސް މިހާރު ރޮނާލްޑޯގެ ބޭނުމެއް ޕޯޗުގަލް އަށް ނުހިފޭ ކަމަށް ރެގްރާގީ ބުންޏެވެ. އެހެން ކަމުން މިރޭގެ މެޗުގައި ރޮނާލްޑޯއަށް ފުރުސަތު ދިނުމުގެ ބަދަލުގައި އެންމެ ފަހުން ސްވިޒަލެންޑާއި ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކާ ހެޓްރިކް ހެދި ގޮންކާލޯ ރާމޯސް އަށް ފުރުސަތު ދިނުން ރަނގަޅު ކަމަށް އޭނާ ބުންޏެވެ.
" އަހަރެމެންނަށް ރަނގަޅީ މިރޭގެ މެޗުން ވެސް ރޮނާލްޑޯއަށް ފުރުސަތު ނުދިނުން. އެއީ އަހަރެމެން އުފާކުރާނެ ކަމެއް. ޕޯޗުގަލްގެ މިހާރުގެ ހާލަތައް ބަލާއިރު، ރޮނާލްޑޯއަށް ފުރުސަތު ދިނުން ބުއްދިވެރިއެއް ނޫން." ރެގްރާގީ ބުންޏެވެ.
އިތުރަށް ރެގްރާގީ ބުނީ މިރޭގެ މެޗުގައި ރޮނާލްޑޯ ކުޅޭނެ ކަމެއްވެސް އަދި ނުކުޅޭނެ ކަމެއް ވެސް އޭނާއަށް ނޭންގޭ ކަމަށާއި ނަމަވެސް ކޯޗެއްގެ ހައިސިޔަތުން ބުނާނަމަ ރޮނާލްޑޯއަށް ފުރުސަތު ދިނުމަކީ އެހާ ބުއްދިވެރިކަމެއް ނޫން ކަމަށެވެ.
“ރޮނާލްޑޯ މިރޭގެ މެޗުގައި ކުޅޭނެ ކަމެއް އަދި ނުކުޅޭނެ ކަމެއް ވެސް އަހަރެންނަކަށް ނޭންގެ. އެކަމަކު ކޯޗެއްގެ ހައިސިއްޔަތުން އުންމީދު ކުރަނީ މިރޭގެ މެޗުގައި ރޮނާލްޑޯ ނުކުޅޭނެ ކަމަށް. އަހަރެން އުފާވާނެ އޭނަ ނުކުޅެފިއްޔާ.” ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރެގްރާގީ ބުންނެވެ.
އިތުރަށް ވާހަކަ ދައްކަމުން ރެގްރާގީ ބުނީ އޭނާގެ ޓީމު މިރޭ ނުކުންނަނީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އެއް ޓީމާއި ދެކޮޅަށް ކަމަށާއި މިރޭގެ މެޗަކީ ވަރަށް އުނދަގޫ މެޗަކަށް ވާނޭ ކަމަށެވެ. ނަމަވެސް ހިތްވަރާއި އެކު ޓީމުގެ ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރާނީ ޕޯޗުގަލް ބަލިކޮށް ސެމީއަށް ދިއުމަށް ކަމަށާއި، ރަނގަޅު ކުޅުމެއް ދެއްކިއްޖެ ނަމަ އެކަން ކާމިޔާބު ވާނޭ ކަމަށް ރެގްރާގީ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް