ވޯލްޑް ކަޕް 2022: ޕެނަލްޓީގައި ނެދަލެންޑްސް ބަލިކޮށް އާޖެންޓީނާ ސެމީ އަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއަޓާ ފައިނަލުގައި ރޭ ނެދަލެންޑްސްއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބާރާތުގެ ސެމީ ފައިނަލުން އާޖެންޓީނާ އިން ފުރުސަތު ހޯދައިފި އެވެ. ލުސައިލް ސްޓޭޑިއަމުގަ...

10 Dec 2022 | 04:32

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއަޓާ ފައިނަލުގައި ރޭ ނެދަލެންޑްސްއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބާރާތުގެ ސެމީ ފައިނަލުން އާޖެންޓީނާ އިން ފުރުސަތު ހޯދައިފި އެވެ.

ލުސައިލް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗު އާޖެންޓީނާއިން ކާމިޔަބު ކުރީ ޕެނަލްޓީގައި 3-4 ގެ ނަތީޖާއިންނެވެ.

މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނުއިރު، ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، އާޖެންޓީނާ އިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އެެވެ. ނެދަލެންޑްސްގެ ފުރަތަމަ ދެ ޕެނަލްޓީ ވީ ވެސް ނާކާމިޔާބުވިއރު، އެ ދެ ޕެނަލްޓީ މަތަކުރީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް އެވެ.

ރޭ ކުޅުނު މެޗުގައި އާޖެންޓީނާ އިން ލީޑުނެގީ މެޗުގެ 35 ވަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު މޮލީނާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މޮލީނާ މި ލަނޑު ކާމިޔާބު ކުރީ ކެޕްޓަން، ލިއޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

އެއްލަނޑުގެ ލީޑެއްގައި އޮވެ، މެޗުގެ ފުރަތަމަ ހާފު އާޖެންޓީނާއިން ނިންމާލިއިރު، ފަހު ހާފަށް ކުޅެން ނުކުމެ އާޖެންޓީނާއިން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. ލީޑު ފުޅާކުރި މި ލަނޑު މެޗުގެ 73 ވަނަ މިނިޓްގައި ޖަހައިދިނީ ލިބުނު ޕެނަލްޓީ އަކުން މެސީ އެވެ. މިއީ ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީސް އޭރިއާތެރެއިން އަޖެންޓީނާގެ މާކޯސް އަކޫނިއާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ނަމަވެސް ފަހު ހާފުގައި ނެދަލެންޑްސްއިން ގެނައި ބަދަލުތަކާއި އެކު، އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ނިމުމުގެ ކުރިން ފަހަތުން އަރައި ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ނެދަލެންޑްސްގެ ދެ ލަނޑުވެސް ޖަހައިދިނީ ވައުޓް ވެގްހޯސްޓްއެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 83 ވަނަ މިނިޓްގައިއެވެ. މިއީ ނެދަލެންޑްސްގެ ސްޓީވެން ބާގްހައުސް ނެގި ހުރަހަކުން ވެގްހޯސްޓް ބޮލުން ޖެހި ލަނޑެކެވެ. ނެދަލެންޑްސް އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 މިނިޓްގެ ތެރެއިން ވެސް އެންމެ ފަހު މިނިޓްގަ އެވެ. އޭރިއާބޭރުން އާޖެންޓީނާ ކުޅުންތެރިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭ ޖެހުމެއް ގޯލަށް ފޮނުވާލުމުގެ ބަދަލުގައި، ނެދަލެންޑްސްގެ ޓޯން ކޯޕްމައިނާސް އޭރިއާތެރެއިން ދިނީ ވެގްހޯސްޓް އަށެވެ. އޭނާ ވަނީ ކޮންޓްރޯލް ކުރުމަށް ފަހު، ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރުވެސް ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ދެން ކުޅުނީ އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފެވެ. މި ދެ ހާފުގައިވެސް ލަނޑެއް ނުފެނި އެއްވަރުވުމުން ދެން ނަތީޖާ ނެރެން ޖެހީ ޕެނަލްޓީއެވެ. ޕެނަލްޓީ ޖަހަން ޖެހުނުއިރު، ނެދަލެންޑްސް އިން ފޮނުވާލި ފުރަތަމަ ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. އެއީ ކެޕްޓަން ވާޖިލް ވެން ޑައިކް އާއި ބާގްހައުސް ޖެހި ޕެނަލްޓީ އެވެ. ނެދަލެންޑްސްގެ ޕެނަލްޓީތައް ކާމިޔާބުުކުރީ ވެގްހޯސްޓް، ކޫޕްމައިނާސް އަދި ލޫކް ޑި ޔޯން އެވެ.

އާޖެންޓީނާއިން ޖެހި ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެއީ ކެޕްޓަން މެސީ، ލެއަންޑްރޯ ޕަރޭޑޭސް، ގޮންޒާލޯ މޮންޓިއޭލް ޖެހި ޕެނަލްޓީއެވެ. އެކަމަކު، ހަތަރު ވަނަ ޕެނަލްޓީ އެންޒޯ ފެނާންޑޭޒް އަތުން ނާކާމިޔާބުވިއިރު، މާޓީނޭޒް ޖެހި ފަހު ޕެނަލްޓީ ކާމިޔާބުކުރިއެވެ. މި ޕެނަލްޓީއާއި އެކު އާޖެންޓީނާ މޮޅުވެ މުބާރާތުގެ ސެމީއަށް ދިޔައިރު، އެޓީމުން ސެމީ ގައި ބައްދަލުކުރަން ޖެހޭނީ ބްރެޒިލް ބަލިކޮށް ސެމީން ޖާގަ ހޯދި ކްރޮއެޝިއާއާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް