ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޢަމަލުކުރަމުންދާ އުސޫލުގެ ދަށުން، މާލެ ސަރަހައްދާއި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން 2015 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު މީރާއިން ހާމަކޮށްފިއެވެ.
ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދެވިފައިވާނެ ކަމަށާއި އެސް.އެމް.އެސްގެ ޒަރީއާއިންނާއި އެ ތަންތަނަށް ޒިޔާރަތްކޮށްގެންވެސް އެ ފަރާތްތަކަށް އެކަން އެންގުމުގެ މަސައްކަތްކޮށްފައި ވާނެ ކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ.
މީރާގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ މި ލިސްޓުގައި ޖީ.އެސް.ޓީ ނުދައްކާ 90 ފަރާތެއްގެ ނަން ހިމެނެއެވެ. ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެ ފަދަ ފަރާތެއްގެ ނަން އެ ލިސްޓުން އުނިކުރެވޭނެއެވެ.
މީރާގެ އެންފޯސްމަންޓް ޕޮލިސީގައި ކަނޑައަޅާފައިވާ ގޮތުގެމަތިން މި ލިސްޓު ދިވެހިސަރުކާރުގެ ގެޒެޓްގައިވެސް ޝާއިޢު ކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް