އިންސާނީ ހައްގުތައް ނިގުޅައިގަނެފައިވާކަމަށްބުނެ މިއަހަރު 529 މައްސަލެއް ހުށަހަޅާފައިވޭ: އެޗްއާރުސީއެމް

މިއަހަރުގެ މިހާތަނަށް، އިންސާނީ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށްބުނެ 529 މައްސަލައެއް ހުށަހަޅާފައި ވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ. އެޗްއާރުސީ...

10 Dec 2015 | 06:38

މިއަހަރުގެ މިހާތަނަށް، އިންސާނީ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށްބުނެ 529 މައްސަލައެއް ހުށަހަޅާފައި ވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

އެޗްއާރުސީއެމުން މިހެން ބުނެފައިވަނީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާއި ބެހޭ ދުވަހާއި ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މި އަހަރު ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައީ އިޖުތިމާއީ އަދި އިގްތިސާދީ ހައްގުތައް ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތައް ކަމަށެވެ. މީގެ އިތުރުން ކުށަކުދީންނާއި، ޅަފުރާ ކުދީންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއިގުޅޭ މައްސަލަތަކާއި، ލާއިންސާނީ އަދަބު ދިނުމާއި ގުޅޭ މައްސަލަތަކާއި، އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އަޅާފައި ނުވުމުގެ ސަބަބުން ހުށަހެޅުނު މައްސަލަތަކާއި އަދި ވަޒީފާއާއި ގުޅުން ހުރި މައްސަލަތައް ހިމެނޭ ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ.

މީގެ އިތުރުން ގޯދިގެދޮރުގެ މައްސަލަތަކާއި ސިއްހީ ދާއިރާގެ މައްސަލަތަކާއި، އަންހެނުންނަށް ކުރާ ނޭދެވޭ ތަފާތު ކުރުންތަކާއި، އަނިޔާއާއި ގުޅުންހުރި މައްސަލަތަކާއި ޝަރުއީ ދާއިރާއާއި ގުޅުންހުރި މައްސަލަތަކާއި އަދި އުނގެނުމުގެ ހައްގުން މަހްރޫމް ކުރުމާއި ގުޅުންހުރި ތަފާތު މައްސަލަތައްވެސް ހުށަހަޅާފައި ވާކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް