ތިމާވެށްޓާއި ގުޅޭ އެކި ދާއިރާތަކުން ރާއްޖެ އަށް އެހީތެރިވުމަށް އިޓަލީ އިން ހަތަރު މިލިއަން ޔޫރޯ ރާއްޖެ އަށް ދޭން ނިންމާ އެކަމާއި ގުޅޭ އެމްއޯޔޫގައި އިއްޔެ ސޮއިކޮށްފިއެވެ.
އެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެނަރޖީ ޠާރިގު އިބްރާހިމެވެ. އިޓަލީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރީ ފޯ ދަ އެންވަޔަރަންމެނޓް ލޭންޑް އެންޑް ސީގެ ޑިރެކްޓަރ ޖެނެރަލް ޑރ. ފްރާންސެސްކޯ ލަ ކަމޭރާ އެވެ.
އެ އެއްބަސްވުމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މަސައްކަތްކުރުމާއި ތިމާވެށްޓާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމާއި ކްލީން އެނަރޖީ ޕްރޮމޯޓްކުރުން ހިމެނޭ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރެ އެވެ.
އެއްބަސްވުމުގެ ދަށުން ކުރަން ނިންމާފައިވާ ބައެއް ކަންކަން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމާއި ފަތުރުވެރިކަމާއި ސިއްހަތަށް އަންނަ ބަދަލުދެނެގަތުމަށް ދިރާސާކުރުމާއި، އިންޓެންޑެޑް ނެޝަލީ ޑިޓަރމައިންޑް ކޮންޓިރިބިއުޝަން (އައިއެންޑީސީ) ތަންފީޒުކުރުމަށް އެހީތެރިވުމާއި، ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ޑިސާސްޓަރ މެނޭޖްމެންޓާއި، ކާބަން މަދު އަދި ފެހި އިގްތިސާދަކަށް ދިއުމަށްޓަކައި މަސައްކަތްކޮށްދިނުމާއި، ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް އިއާދަކުރެނިވި ހަކަތަ އުފައްދާ މަޝްރޫއުތައް ރާވާ ހިންގުމާއި ސާފުބޯފެނުގެ މަޝްރޫއުތަކުގެ އިތުރުން ކުނި ނައްތާލުން ހިމެނޭ ކަމަށްވެސް މިނިސްޓްރީން ހާމަކުރެ އެވެ.
ޕެރިހުގައި ކުރިއަށްދާ ކޮންފަރެންސް އޮފް ޕާޓީސް ( ކޮޕް 21 ) ގައި އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޠާރިގު ވަނީ އިޓަލީގެ އެހީތެރިކަމަށް ޝުކުރުއަދާކޮށްފައެވެ. މި އެހީގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުކުޑަކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިޓަލީގެ ފަރާތުން ސޮއިކުރެއްވި ފްރާންސެސްކޯ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުކުރުމަށްޓަކައި މަސައްކަތްކުރުމަށް އިޓަލީން އަބަދުވެސް ރާއްޖޭ އަށް އެހީތެރިވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް