ކައްދޫ އެއާޕޯޓަށް 29 އަހަރު ފުރުމާއި ގުޅިގެން ހަރަކާތްތަކެއް ހިންގަމުން އެބަދޭ

ހައްދުންމަތީ ކައްދޫ އެއާޕޯޓްގެ ހިދުމަތް ދޭން ފެށިތާ 29 އަހަރުގެ މުނާސަބަތުގައި ހާއްސަ ހަރަކާތްތަކެއް ހިންގަމުން އެބަ ގެންދެ އެވެ. އެގޮތުން 29 އަހަރު ފުރުން ފާހަގަ ކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތަކާ...

10 Dec 2015 | 02:50

ހައްދުންމަތީ ކައްދޫ އެއާޕޯޓްގެ ހިދުމަތް ދޭން ފެށިތާ 29 އަހަރުގެ މުނާސަބަތުގައި ހާއްސަ ހަރަކާތްތަކެއް ހިންގަމުން އެބަ ގެންދެ އެވެ.

އެގޮތުން 29 އަހަރު ފުރުން ފާހަގަ ކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތަކާއި ކޭކު ފެޅުމުގެ ރަސްމިއްޔާތެއް މިއަދު ހެނދުނު ބާއްވާފައި ވެ އެވެ. ރަސްމިއްޔާތުގައި ދިދަ ނަގާފައިވަނި ކައްދޫގައި ގިނަ ދުވަސްތަކެއް ވާންދެން ވަޒީފާ އަދާކޮށްފައިވާ ދެ މުވައްޒަފުން ކަމަށްވާ މޫސާ އަހުމަދު އާއި އަލީ ޝަރީފް ކަމަށާއި އެއަށްފަހު ބޭއްވި ކޭކުފެޅުމުގެ ރަސްމިއްޔާތުގައި އެއާޕޯޓްގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައި ވާކަމަށް އެއާޕޯޓުން މައުލޫމާތު ދެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ކައްދޫ އެއާޕޯޓް ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި މުހައްމަދު ނަސީމް ވިދާޅުވީ ދިދަ ނެގުމާއި ކޭކު ފެޅުމުގެ އިތުރުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައި ވާކަމަށާއި އެގޮތުން އެއާޕޯޓްގެ ޑިޕާޓްމެންޓްތަކުގެ މުވައްޒަފުންގެ މެދުގައި ފުޓްސަލް މުބާރާތެއް ބޭއްވުމާއި އަހަރީ ދުވަހުގެ ހާއްސަ ބާބަކިއު އެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

"މިއަދު ހަވީރު ޑިޕާޓްމަންތަކުގެ މެދުގައި ފުޓްސަލް މުބާރާތެއް ފެށިގެން ދާނެ، މި މުބާރާތް ނިމޭނީ އަންނަ އާދީއްތަ ދުވަހު، މިމަހު 29 ވަނަ ދުވަހުގެ ރޭ އެއާޕޯޓްގެ ހުރިހާ މުވައްޒަފުންނަށް ހާއްސަ ބާބަކިއު އެއް އޮންނާނެ، މި ބާބަކިއުގައި މި ސަރަހައްދުގެ އޮފީސްތަކުގެ އިސްވެރިންވެސް ބައިވެރިވާނެ" ނަސީމް ވިދާޅުވި އެވެ.

ނަސީމް އިތުރަށް ވިދާޅުވީ އެއާޕޯޓްގެ 29 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުންދާއިރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަށާއި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުރުން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ކައްދޫ އެއާޕޯޓްގެ ބޯޑު މެމްބަރުންނަށް ހާއްސަ ޝުކުރެއް އަދާކޮށް އެ ފަރާތްތަކަށް އަހަރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސް ކުރާ ކަމަށެވެ.

މީގެ އިތުރުން ފެށުނީއްސުރެ ކައްދޫގައި ވަޒީފާ އަދާކުރަމުން އަންނަ މުވައްޒަފުންނަށާއި މިހާރު ވަޒީފާ އަދާކުރަމުން އަންނަ މުވައްޒަފުންގެ އިތުރުން ކައްދޫ އެއާޕޯޓް ހެދުމުގައި ހަރަކާތްތެރިވެދީފައިވާ ކައިރި ރަށްރަށުގެ ރައްޔިތުންނަށްވެސް ހާއްސަ ޝުކުރެއް އަދާކޮށް އަހަރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސް ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް