ކަނޑުމަތިން އަތުލައިގަތް ބޯޓު -
ދިވެހި އަސްކަރިއްޔާގެ އެއާކޯރ ގެ ޑްރޯންގެ
އެހީގައި ދިވެހި އަސްކަރިއްޔާއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 300 ކިލޯ މަސްތުވާތަކެއްޗާއެކު
އަތުލައިގަތް ބޯޓުގެ ފަޅުވެރީންނާ ހަވާލުވާން ލަންކާ ކަނޑުގެ ސިފައިންގެ ޓީމެއް
ރާއްޖެ އައިސްފައިވާކަމަށް ލަންކާ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
ލަންކާގެ ފުލުހުންގެ މީޑިއާ ތަރުޖަމާނު އޭއެސްޕީ
އެފް ޔޫ ވުޓްލަރ އާ ހަވާލާދީ ލަންކާގެ ބައެއް މީޑިއާތަކުގައި މިއަދު ރިޕޯޓްކޮށްފައިވާގޮތުގައި
ރާއްޖެ އައި އެ ޓީމުން މަސްވެރިންކަމަށް ބުނާ ލަންކާގެ އެ ހަ މީހުން އެ ޤައުމަށް
ގެންދިއުމާއިމެދު މަޝްވަރާ ކުރާނެއެވެ. އަދި އަތުލައިގަތް 300 ކިލޯ މަސްތުވާތަކެތީގެ
ތަހުޤީޤު މަރުޙަލާގައިވެސް އެ ޓީމުން ދިވެހި ފުލުހުންނަށް އެހީތެރިވާނެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މަސްތުވާތަކެތީގެ އެ
ކޮންސައިންމެންޓް އަތުލައިގަތީ ލަންކާގެ އިންޓެލިޖެންސް މަޢުލޫމާތަށް ބިނާކޮށް
ދިވެހި އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގައެވެ.
އެ އޮޕަރޭޝަންގައި އެ ބޯޓާއި އެ ބޯޓުން ދަތުރުކުރި ހަ
ފަޅުވެރިޔަކު ވަނީ ދިވެހި ސަލާމަތީ ޚިދުމަތްތަކުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
މި މަހުގެ ހަތްވަނަ ދުވަހު ކަނޑުމަތިން ބޯޓެއް
އަތުލައިގަނެފައިވާކަމަށް ބުނުން ފިޔަވައި މިކަމުގައި ދިވެހި ފުލުހުން އަދި ދިވެހި
ސިފައިން އިތުރު އެއްވެސް މަޢުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
އެ ބޯޓުގައި ހުރީ މަސްތުވާތަކެތި ކަމަށް
ރިޕޯޓްކުރީވެސް ލަންކާ މީޑިއާތަކުންނެވެ. އަދި އެއަށްފަހު އިތުރު މަޢުލޫމާތުތައް
ހިއްސާކުރަމުން އަންނަނީވެސް ލަންކާ މީޑިއާތަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް