ވެރިކަމަކީ އެއްވެސް ޙާލެއްގައި ލިބޭ މާބޮޑު މޮޅެއް، އަދި ލިބޭ މުދާ ގަނޑެއް ނޫން: ރައީސް

ވެރިކަމަކީ އެއްވެސް ޙާލެއްގައި ލިބޭ މާބޮޑު މޮޅެއް ނޫންކަމަށާއި އަދި އެއީ ލިބޭ މުދާ ގަނޑެއްވެސް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައ...

10 Nov 2024 | 18:49

ވެރިކަމަކީ އެއްވެސް ޙާލެއްގައި ލިބޭ މާބޮޑު މޮޅެއް ނޫންކަމަށާއި އަދި އެއީ ލިބޭ މުދާ ގަނޑެއްވެސް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާއި މުހާތަބްކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުމްހޫރީ ދުވަސް ފާހަގަކުރުމާއި ޖުމްހޫރީ ވެރިކަމެއްގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ވެރިކަމަކީ އެއްވެސް ޙާލެއްގައި ލިބޭ މާބޮޑު މޮޅެއް ނޫންކަމަށާއި އަދި އެއީ ލިބޭ މުދާ ގަނޑެއްވެސް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެރިކަމަކީ އެއީ ވަރުގަދަ އަދޮ ބޮޑު ޒިންމާއެއް ކަމަށާއި އަދި އެއީ މަސްއޫލިއްޔަތެއް އަދި އަމާނާތެއްކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވެރިކަމާއި ވެރިންގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އެމަނިކުފާނުގެ ބައްޕާފުޅު އަލްމަރުހޫމް އައްޝައިހް ހުސައިން އަބްދުއްރަޙްމާނު ލިޔުއްވާފައިވާ "ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތުގެ މަފުހޫމް" ފޮތަށްވެސް އަލިއަޅުވައިލެއްވިއެވެ. އަދި އެއީ ވެރިންނަށް އިންތިޚާބުކުރުމުގައި ބަލަންވީ ކަންކަން އޮޅުންފިލުވުމަށް ކިޔާލަން މުހިންމު ފޮތެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މިވީ އެއް އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތްކުރެއްވީ ރައްޔިތުންގެ ފަޅީގައި ހުރެގެން، ރައްޔިތުންގެ ފަރާތުން ހެޔޮވެރިކަމެއްކުރުމަށްކަމަށެވެ. އެގޮތުން މީގެކުރީ ސަރުކާރުތަކުން އަޅާނުލާ ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރައްވަނީވެސް ރައްޔިތުންނަށްޓަކައިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ގައުމަށާއި ރައްޔިތުންގެ ހައްގުގައި ކުރަމުން ގެންދާ މި މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށާއި ރައްޔިތުންގެ އެއްބާރުލުން ލިބިއްޖެނަމަ އެކަންކަން ހައްލުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެރިކަމާއި ހަވާލުވެވަޑައިގަންނަވަމުން ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ސިޔާސީގޮތުން މީހުންނަށް އަދަބު ދިނުމާއި ޖުޑީޝަރީއަށް ނުފޫޒު ނުފޯރުވާނޭކަމަށް ވިދާޅުވެ، ވެވަޑައިގެންނެވި ވައުދުގެ މަތީގައި ހުންނެވިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ޤައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް އެމަނިކުފާނަށް ނެތްކަމަށާއި އަދި ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މިވޭތުވެދިޔަ 52 ހަފްތާތެރޭގައި އެކަން ފަޚުރުވެރިކަމާއެކު ސާބިތުކޮށްދެއްވާފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް