އިސްރާއީލާއި ހަމާސް ޖަމާއަތާއި ދެމެދު ކުރިއަށްގެންދާ ސުލްހައިގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު ކުޅުން މެދުކަނޑާލަން ޤަތަރުން ނިންމާ އެކަން އިއުލާނުކޮށްފިއެވެ.
ޤަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޑރ. މާޖިދު ބިން މުހައްމަދު އަލް އަންސާރީ ރޭގައި ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސުލްހައިގެ މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލު ކުޅުން ޤަތަރުން ހުއްޓާލިކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުގައި ފަތުރާ ވާހަކަތަކަކީ ހަޤީޤަތެއްނެތް ވާހަކަތަކެއް ކަމަށާއި މެދުވެރިއެއްގެ ރޯލު ކުޅުން ހުއްޓާލީ ނޫން ކަމަށާއި އެކަން މެދުކަނޑާލީ ކަމަށެވެ.
މެދުކަނޑާލިކަން ދެ ފަރާތަށްވެސް 10 ދުވަސްކުރިން އަންގާފައިވާނެކަމުގައިވެސް ބުނެފައިވެއެވެ. ޤަތަރުގެ އެ ނިންމުން ނިންމީ އިސްރާއީލް އަދި ހަމާސްއިންވެސް ސުލްހައިގެ މަޝްވަރާތަކަށް އިޖާބަދިނުމުގައި ސީރިއަސްކަމެއް ނުފެންނާތީއާއި މަޝްވަރާތަކުން އެއްވެސް ނަތީޖާއެއް ނުނެރެވޭތީ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލާއި ހަމާސް ޖަމާއަތާއި ދެމެދު ހަމަލާތައް ބަދަލުކުރަން ފެށުމާއި ހަމައިން ޤަތަރުން އަންނަނީ ދެމެދުގައި މެދުވެރިއެއްގެ ރޯލު ކުޅެ ސުލްހައިގެ އެއްބަސްވުމަކަށް ދެވޭތޯ އެތައް ފަހަރެއްގެ މަތިން މަސައްކަތްކޮށްފައެވެ. އެގޮތުން ހަމާސްގެ ވަކި އޮފީހެއް ޤަތަރުގައި ޤާއިމުކޮށް ހަމާސްގެ އޮފިޝަލުންނަށް ޤަތަރުގައި މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވެއެވެ.
އެ އޮފީސް އުވާލަން އެމެރިކާއިން ދާދި ފަހުން އެންގިނަމަވެސް ޤަތަރުގެ ނޫސްބަޔާނުގައި ބުނެފައިވަނީ ހަމާސް ޖަމާއަތާއި ބޭރު ދުނިޔެއާއި މުއާމަލާތްކުރުމުގައްޔާއި އަދި ބައެއް އަސީރުން މިނިވަންކުރުމުގައި އެ އޮފީސް މުހިންމު ރޯލެއް އަދާކުރާ ކަމަށާއި އަދި މިހާރުވެސް ހަމާސް ޖަމާއަތާއި ބޭރު ދުނިޔެ ގުޅުވައިދިނުމުގައި އެ އޮފީހުން އެ ރޯލު އަދާކުރަމުން އަންނަކަން ފާހަގަކުރެވޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް