މިއަދު ހުކުރު ޚުޠުބާގައި ބުނެދިނީ ހިތުގެ ލަގަން ކޮންޓްރޯލުކޮށްގެން ދެދުނިޔޭގައި އަމާންކަމާ ރައްކާތެރިކަން ލިބޭނެ ގޮތް

ހުކުރު ދުވަހުގެ މިއަދުގެ ޚުޠުބާ "ސަލާމަތްވެގެންވާ ހިތް" މި މަޢުލޫގެ މައްޗަށް އަމާޒުކޮށް ހިތުގެ ލަގަން ކޮންޓްރޯލުކޮށްގެން ދެދުނިޔޭގައި އަމާންކަމާ ރައްކާތެރިކަން ލިބޭނެ ގޮތް މިއަދުގެ ޚުޠުބާގައި ބުނެދީފި...

10 Nov 2023 | 08:29

ހުކުރު ދުވަހުގެ މިއަދުގެ ޚުޠުބާ "ސަލާމަތްވެގެންވާ ހިތް" މި މަޢުލޫގެ މައްޗަށް އަމާޒުކޮށް ހިތުގެ ލަގަން ކޮންޓްރޯލުކޮށްގެން ދެދުނިޔޭގައި އަމާންކަމާ ރައްކާތެރިކަން ލިބޭނެ ގޮތް މިއަދުގެ ޚުޠުބާގައި ބުނެދީފިއެވެ.

އެގޮތުން މިއަދުގެ ޚުޠުބާ ފަށަމުން ފާހަގަކޮށްފައިވަނީ މާތްﷲ އިންސާނާ ހައްދަވާފައިވަނީ، މާއްދީ ހަށިގަނޑަކާއި، ރޫޙާނީ ފުރާނައަކާ އެކުގައި ކަމާއި އިންސާނާއަށް މި ޙަޔާތުގައި އޭނާގެ ދައުރު ފުރިހަމައަށް އަދާކުރެވޭނީ، ރޫޙާނީ ބަޔަށް އިސްކަންދީ، އެ ބައި ފުރިހަމަކޮށްގެން ކަމެވެ. އެކަމުގެ ލަގަނަކީ އޭނާގެ ހިތް ކަމެވެ.  އޭނާއަށް ޤިޔާމަތް ދުވަހުން ސަލާމަތަކާއި، އަމާންކަން ލިބޭނީ، މި ހިތް ރަނގަޅު ކުރެވުނު މިންވަރަކުން ކަމެވެ.

"ﷲ ގެ ފޮތަށް ބަލާއިރު ހިތްތަކުގެ ޙާލަތްތަކެއް ބަޔާންކުރައްވާފައިވެއެވެ. އެއް ޙާލަތަކީ، ސަލާމަތުންވާ ހިތެވެ. އޭގެ މާނައަކީ އެ ހިތުގައި ކުފުރުގެ އެއްވެސް ކިލަނބުކަމެއް ނެތް، ނިފާޤުގެ އެއްވެސް އަސަރެއް ނެތް، ޝަހުވަތްތަކާއި، ފުރެދުންތަކުން އެއްކިބާވެފައިވާ ހިތެވެ. ހިތްތަކުގެ އަނެއް ހާލަތަކީ ﷲ އަށް ކާފިރުވެ، ﷲ ގެ ބަސްފުޅުތަކަށް އުރެދުމުގެ މަތީގައި މަރުވި ހިތެވެ، ބަލިމަޑުކަމުގެ ޙާލަތުގައިވާ ހިތެވެ. އެއީ އީމާންކަންމަތީ ސާބިތުވެ ނޯވެވި، މުނާފިޤުކަން އެ ހިތުގައި އެނބުރޭ ހިތެވެ. މުށްވަރެއްހައި ކުޑަކުޑަ މި ބިންކޮޅުގައި، އީމާންކަމުގެ ގަސް އިންދައި، މަތިވެރި އަޚްލާޤުގެ ކާދުން އެ ގަހަށް ކާންދީ، އިޚްލާޞްތެރިކަމުން ފެންދީ ހައްދައިފިނަމަ، އެ ގަހުގައި އަޅާ މޭވާ ފޮނުވާނެއެވެ. ބަސްތަކާއި، ޢަމަލުތައް ރިވެތިވާނެއެވެ. މިއާ ޚިލާފަށް އެ ބިމުގައި ކުފުރުގެ ގަސް އިންދައި، އުރެދުންތެރިކަމުގެ ފެނުން ފެންދީފިނަމަ، އެ ގަހުގައި އަޅާނެ މޭވާއަކީ، ނުބައި ޢަމަލުތަކެވެ. އެ ގަސް ވާނީ ޖަހަންމައިގެ ދަރަށެވެ." ހިތުގެ ޙާލަތްތަކާއި ބެހޭގޮތުން ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި އަރަބި ބަހުން ހިތަށް ކިޔަނީ "ޤަލްބް" އެވެ. އޭގެ މާނައަކީ ފުރޮޅުމެވެ. ހިތަށް އެނަން ކިޔުނީ އޭތި ފުރޮޅޭލެއް ބޮޑުކަމުންނެވެ. އޭގެ ޙާލަތު ބަދަލުވާލެއް އަވަސްކަމުންނެވެ. މިހެންވެ މި ހިތް ރައްކައުތެރި ކުރުމަށް ވަރަށް އިސްކަންދޭން ޖެހޭނެއެވެ. ކޮންމެ އިންސާނަކުވެސް އޭނާގެ ނިމުން ހެޔޮ ޢަމަލުތަކުން ނިންމައިލެވޭތޯ ގަދައަޅާ މަސައްކަތް ކުރަންވާނޭ ކަމާއި އިސްލާމީ ރިވެތި އަޚްލާޤާއި އީމާންކަމުން ބަބުޅާ ހިތްތަކަކީ، މި ބިންމަތީގައި ނަސީބު ވެރީން ކަމާއި އެއީ އާޚިރަތުގެ ބާއްޖަވެރީންނެވެ. އެމީހުންނަކީ އިސްލާމް ދީން ތަމްސީލުކުރާ ހެޔޮ ނަމޫނާތަކެއްކަން ޚުޠުބާގައި ބުނެދީފައިވެއެވެ.

"އިންސާނާގެ ހެޔޮކަމުގެ ނާރެހަކީ ހިތެވެ. ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާ ތަނަކީ ހިތެވެ. ޖަޒާ ލިބުން އޮތީ ހިތުގެ ރަނގަޅުކަމާއި، ނުބައިކަމުގެ މައްޗަށެވެ. އެހެންކަމުން ކޮންމެ އިންސާނަކުވެސް އޭނާގެ ހިތް ރަނގަޅުކޮށް އިޞްލާޙު ކުރަންވާނީ، އޭނާގެ ދުނިޔެއާއި، އާޚިރަތް ރަނގަޅު ކޮށްދޭނެ މަންހަޖަކާ އެއްގޮތަށެވެ. މި މަންހަޖު ބިނާވެފައިވަނީ ފިތުނަ ފަސާދައިން ހިތް ހިމާޔަތްތެރިކޮށް ރައްކައުތެރި ކުރުމެވެ. ﷲ އަށް އުރެދުމުން ހިތް ރައްކައުތެރި ކުރުމެވެ. ތެދުމަގުގައި މި ހިތް ދެމެހެއްޓުމެވެ. އަދި ހަމަ އެހެންމެ ދުނިޔެއަކީ، އާޚިރަތަށްޓަކައި މާތް ﷲ ލައްވަވާފައިވާ ވަސީލަތެއް ކަމަށް ދުށުމެވެ. ދުނިޔެއަށް ހެއްލުންތެރި ނުވުމެވެ. މީގެ އިތުރުން ހިތް ގައުވިޔަ ނުދިނުމަށްޓަކައި އެ ހިތަށް ދޭންޖެހޭ އެއްމެ ފުރިހަމަ ފަރުވާ ދިނުމެވެ. އެއީ ﷲ ހަނދުމަ ކުރުންމަތީ ދެމިހުރުމެވެ. ﷲ އަށް ތަކްބީރު، ތަޙްމީދު، އަދި ތަސްބީޙަ ކިޔުންފަދަ އަމަލުތައް ގިނަ ކުރުމެވެ." މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.

ހުކުރު ޚުޠުބާގައި އިތުރަށް ބުނެފައިވަނީ ތިބާގެ ހިތް ސަލާމަތްވެގެންވާ އެއްޗަކަށް ހެދޭނީ، އެ ހިތް ޝިރުކުން ޠާހިރު ކޮށްގެންނާއި، ބިދުޢަތަކުން އެ ހިތް ސަލާމަތްކޮށްގެންނާއި، ޢަފްލަތްތެރި ކަމުން އެ ހިތް ސަލާމަތް ކޮށްގެންނާއި، ޝަހްވަތްތަކާ ދުރުހެލި ކޮށްގެންނާއި، އިޚްލާސްތެރިކަން ނައްތާލައި ހަވާނަފްސުން އެ ހިތް ސަލާމަތްކޮށްގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް