މާލޭގައި އަދިވެސް ކެމިކަލް ގުދަންތައް ހިންގާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ކޮށްފައިވާ ރިޕޯޓު ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގުކޮށްފި އެވެ.
ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އަދިވެސް މާލޭގައި18 އަށްވުރެ ގިނަ ކެމިކަލް ގުދަން ހިންގަ އެވެ. އެ މައުލޫމާތު އާންމުކޮށްފައިވަނީ އެޗްޑީސީ އާއި ހަވާލާދީ އެވެ.
އެޗްޑީސީން ވަނީ އެއީ ދޮގު ރިޕޯޓެއްކަން ކަށަވަރުކޮށްދިނުމަށް މިއަދު ތިލަފުށީގައި ހުރި ކެމިކަލް ގުދަންތައް ނޫސްވެރިންނަށް ދައްކާލާފައި އެވެ.
މިވަގުތު ތިލަފުށީގައި 34 ކެމިކަލް ވެއާ ހައުސްއެއް ގާއިމު ކުރެވިފައިވާ ކަމަށް ބުނެ އެވެ. އަދި އިތުރު 18 ވެއާ ހައުސްއެއް ގާއިމު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.
އެ ކުންފުނިން ބުނީ ގާއުް ކުރުމަށް މަސައްކަތް ކުރަމުންދާ18 ވެއާ ހައުސްއަކީ މިވަގުތު މާލޭގައި ހުރި ތަންތަން ބަދުލު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ބުނެ އެޗްޑީސީން މައުލޫމާތު ހާމަކޮށްފައި ނުވާނެ ކަމަށެވެ.
އަދި މިކަހަލަ ހައްސާސް ދަނޑިވަޅެއްގައި އާއްމުންގެ މެދުގައި ބިރުވެރިކަން އުފެދޭގޮތަށާއި ޒިންމާދާރުކަން ކުޑަ ގޮތަކަށް ހަބަރު ފަތުރާ ފަރާތްތަކުން ހަބަރުތައް ގެނެސް ދިނުމަކީ އެ ކުންފުނިން ހިތާމަ ކުރާކަމެއް ކަމުގައި އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ.
ކެމިކަލް ގުދަންތައް މާލޭގައި ހުރިކަމަށް ބުނެ ވާހަކަދެކެވެން ފަށާފައި މިވަނީ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގި ގަރާޖުގައި ކެމިކަލް ހުރި ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވަނިކޮށެވެ. އެ ހާދިސާ ހިނގިތަނަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެއްވެސް ކެމިކަލް ގުދަނެއް މިހާރު މާލޭގައި ނުހުންނާނެ ކަމަށް ވިދާޅުވެފައިި އެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު ކުރަން ޖެހޭ މަސައްކަތަކީ ގަރާޖުތައް މީހުން ދިރިއުޅޭ ސަރަހައްދުން ބޭރުކުރުން ކަމަށެވެ.
ރޭގެ އަލިފާނުގެ ހާދިސާއަކީ މިހާތަނަށް ރާއްޖޭގައި ހިނގި އެންމެ ނުރައްކާތެރި އެފަދަ ހާދިސާގައި މިހާދިސާގައި10 މީހަކު މަރުވެފައިވެ އެވެ. އެކަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާއިރު ފިހުމުގެ ސަބަބުން އޭނާގެ ސިފަވެސް ނޭނގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް