ބިދޭސީން ދިރިއުޅޭ ތަންތަން މޮނީޓާކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށާއި މާލޭގައި ހުރި ވޯކްޝޮޕާއި ގަރާޖު ފަދަ ތަންތަން އަވަސް ގޮތެއްގައި އެހެން ތަނަކަށް ބަދަލުކުރެވޭނެ ޕްލޭނެއް އެކުލަވާލުމަށް ވެސް ކަމާބެހޭ އިދާރާތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.
މ. ނިރުހިޔާގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ ނުވަ މީހުންނާއި ބަންގްލަދޭޝް މީހެކެވެ.
މި ހާދިސާއާ ގުޅިގެން، ކަމާ ބެހޭ އިދާރާތަކާ އެކު މިއަދު ރައީސް އޮފީހުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ރައީސް ވަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބުން ދެނެގަތުމަށް ކުރާ ތަހުގީގު އަވަސްކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގެންފި އެވެ.
އެ ބައްދަލުވުމަށް ފަހު ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނީ އެ ހާދިސާއާ ގުޅޭ މައުލޫމާތު ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ފޯރުކޮށްދެމުން ގެންދިއުމަށާއި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަވަހަށް ތަހުގީގު ކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އެ ބައްދަލުވުމުގައި ސިފައިންނާއި ފުލުހުންނާއި އަދި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ ފަދަ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް