ނިމިދިޔަ އޮކްޓޯބަރ މަހު ރާއްޖޭގައި 186 ކައިވެނި އަދި 103 ވަރީގެ މައްސަލަ ނިންމާފައިވާ ކަމަށް ފެމިލީ ކޯޓުން ހާމަކޮށްފިއެވެ.
ފެމިލީ ކޯޓުން މިކަން ހާމަ ކުރީ މިއަހަރުގެ އޮކްޓޯބަރ މަހު އެކޯޓަށް ހުށަހަޅާ އަދި ނިންމާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތައް ހާމަ ކުރަމުންނެވެ.
އެގޮތުން މިދިޔަ މަހު 186 ކައިވެންޏާއި 103 ވަރީގެ މައްސަލަ ނިންމިކަމަށް ހިސާބުތަކުން ދައްކާފައިވާއިރު، އާއިލީ އެހެނިހެން މައްސަލަތަކާއި، އާއިލީ މައްސަލަތައް ހައްލު ކުރުމާބެހޭ މައްސަލަތަކުގެ އިތުރުން ގެވެށި އަނިޔާއާ ގުޅޭ މައްސަލަތައް އަދި ޚަރަދުގެ މައްސަލަތައް ވެސް ރިޕޯޓު ކޮށްފައިވެއެވެ.
އެގޮތުން އާއިލީ އެހެނިހެން މައްސަލަތަކުގެ ތެރެއިން 18 މައްސަލައެއް ފެމިލީ ކޯޓުން މިދިޔަ މަހު ވަނީ ނިންމާފައެވެ. އަދި އާއިލީ މައްސަލަތައް ހައްލު ކުރުމާބެހޭ މައްސަލަތަކުގެ ތެރެއިން 19 މައްސަލައެއް ވަނީ މިދިޔަ މަހު ބަލާ ނިމިފައެވެ.
ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއް މިދިޔަ މަހު ނިންމިކަމަށް ފެންނަން ނެތް އިރު، ގެވެށި އަނިޔާއާ ގުޅިގެން ވަނީ 3 މައްސަލައެއް ހުށަހަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް