ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބާއްވަން ހަމަޖެހުނު ރަސްމީ ޖަލްސާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މާދަމާ ރެއަށް ފަސްކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިއޮތް ރަސްމީ ޖަލްސާ މާދަމާ ރެޔަށް ފަސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފައިވާ ކަމަށެވެ.
"ދުވަސް" އިން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ، ޖަލްސާ މާދަމާ ރެއަށް ފަސްކުރައްވަން ރައީސް ޞާލިޙް ނިންމެވީ މިވަގުތު ރާއްޖެއަށް ދިމާވެފައިވާ ހިތާމަވެރި އަލިފާނުގެ ހާދިސާގެ ސަބަބުން ކަމަށެވެ. ތަރުޖަމާނު އިޝާރާތް ކުރައްވާފައި އެވަނީ ރޭ 12:27 ހާއިރު އިސްކަންދަރު މަގާއި ކޯރު ކެނޑި މަގު ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައި ރޯވެ ހިނގާފައިވާ ނުރައްކާތެރި އަލިފާނުގެ ހާދިސާ އަށެވެ. މި ހިތާމަވެރި ހާދިސާގައި މިހާތަނަށް 10 މީހަކު ނިޔާވެފައިވާ ކަމަށް ކަމާބެހޭ މުއައްސަސާތަކުން މައުލޫމާތު ދީފައިވެއެވެ.
މިހާދިސާއާ ގުޅިގެން ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި މި ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލި ގިނަ ޢަދަދެއްގެ ބަޔަކަށް ގެއްލުންތަކެއް ވެސް ލިބިފައިވާ ކަމަށެވެ.
މިހާދިސާ ހިނގައި ދިޔަގޮތް މިހާރު ދަނީ ބަލަމުންދާ ކަމަށާއި ހާދިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް ރައީސް ޞާލިޙް ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް