މިހާތަނަށް ވޯލްޑް ކަޕްގެ 13 މުބާރާތެއްގައި ކުޅެފައިވާ ބެލްޖިއަމްއަށް ވޯލްޑް ކަޕްގައި ހޯދުނު އެންމެ ރަނގަޅު ކާމިޔާބީއަކީ އެއް މުބާރާތުގެ 3 ވަނަ ލިބުމެވެ.
ބައްރު: ޔޫރަޕް
ފީފާ ރޭންކިން: 2
މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 13
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1930
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: 3 ވަނަ 2018، 4 ވަނަ 1986
ކޯޗު
ނަން: ރޮބާޓޯ މާޓިނޭޒް
ގައުމު: ސްޕެއިން
އުމުރު: 49 އަހަރު
އުފަންތާރީޚް: 13 ޖުލައި 1973
ޓީމާ ހަވާލުވީ: 2016 ވަނަ އަހަރު
ސްޕެއިންގެ ރައްޔިތެއްކަމުގައިވާ ރޮބާޓޯ މާޓިނޭޒްއަކީ ކުރީގެ ކުޅުންތެރިއެކެވެ. ޑިފެންސިވް މިޑްފީލްޑަރެއްގެ ރޯލުން ފެނިގެން ދިޔަ މާޓިނޭޒް ކެރިއަރު ފެށީ ރިއަލް ޒަރަގޯޒާއިންނެވެ. އެ ކްލަބާއެކު ސްޕެނިޝް ކަޕް ހޯދިއިރު، އޭގެ ފަހުން ބައެއް ގައުމުތަކުގެ ދަށް ޑިވިޝަންތަކުގެ ކްލަބްތަކަށް ކުޅެފައިވެއެވެ. 2007 ވަނަ އަހަރު ކުޅުން ހުއްޓާލީ ސްވަންސީގެ ކޯޗުކަމާ ހަވާލުވާން ވެގެންނެވެ. އޭގެ ފަހުން ވިގަން އާއި އެވަޓަންއަށް ވެސް އިރުޝާދު ދީފައިވާއިރު، ބެލްޖިއަމްގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމް ހަމަޖެހުނީ 3 އޮގަސްޓް 2016 ގައެވެ. މިހާތަނަށް އޭނާގެ އިރުޝާދުގެ ދަށުން ބެލްޖިއަމް 75 މެޗު ކުޅެފައިވާއިރު، މެޗަކަށް ޖެހޭ އެވްރެޖް ޕޮއިންޓްގެ އަދަދަކީ 2.36 އެވެ.
މުހިންމު ކުޅުންތެރިން:
ތިބައޯ ކޯޓުއާ
ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅޭ އުމުރުން 30 އަހަރުގެ ތިބައޯ ކޯޓުއާއަކީ ބެލްޖިއަމްގެ 1 ނަންބަރު ގޯލްކީޕަރެވެ. ފާއިތުވި ސީޒަންގައި ރެއާލްއަށް ޗެމްޕިއަންސް ލީގާއި ލީގު ހޯދައިދިނުމުގައި އޭނާގެ މޮޅު ސޭވްތައް މުހިންމު ދައުރެއް އަދާކުރިއިރު، ބެލްޖިއަމްގެ އެންމެ ވަރުގަދަ ދިފާއީ ބާރަކަށް ވާނީ ވެސް އޭނާއެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމް ހޯދި ކޯޓުއާ ނެތްތަން، ބެލްޖިއަމް ޖޫން ގައި ކުޅުނު ނޭޝަންސް ލީގުގެ މެޗުތަކުން ވަރަށް ބޮޑަށް ފެނުނެވެ. 2011 ވަނަ އަހަރުން ފެށިގެން ބެލްޖިއަމްގެ ގައުމީ ޓީމުން ޖާގަ ލިބެމުން އަންނަ ކޯޓުއާ މިހާތަނަށް ގައުމީ ޓީމަށް 96 މެޗު ކުޅެފައިވެއެވެ.
ކެވިން ޑެ ބްރޫނޭ
ބެލްޖިއަމްގެ އެޓޭކިންގ މިޑްފީލްޑަރ ކޭޑީބީ އަކީ މި ވަގުތު އެ ޓީމުގައި ހުރި އެންމެ މޮޅު މިޑްފީލްޑަރެވެ. އަދި އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު އެޓޭކިންގ މިޑްފީލްޑަރުންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެވެ. މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގެ ތަށި މެންޗެސްޓާ ސިޓީއާއެކު ހޯދިއިރު، ޑެ ބްރޫނޭ ވަނީ 15 ލަނޑު ޖަހާފައެވެ. އަދި މި ސީޒަންގެ ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުން 3 ލަނޑު ޖަހާ 10 އެސިސްޓް ހަދާފައިވެއެވެ. ޗެމްޕިއަންސް ލީގުގައި ކުޅުނު 4 މެޗުން 2 އެސިސްޓް ހަދާފައިވެއެވެ. ގޯލު ޖެހުމަށް މަގުފަހިކުރުވުމައި ދެވަނައެއް ނެތްފަދަ ކޭޑީބީ މިހާތަނަށް ބެލްޖިއަމްގެ ގައުމީ ޓީމަށް ވަނީ 93 މެޗު ކުޅެފައެވެ. އަދި 25 ލަނޑު ކާމިޔާބުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް