އަލިފާނުގެ ހާދިސާ ހިނގި ގޭ ކައިރިޔަށް ރައީސް ސޯލިހު ވަޑައިގެންނަވައިފި

މ. ގައި އަލިފާން ރޯވި ގޭ ސަރަހައްދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންފި އެވެ. އެގޭގައި ހުންނަ ގަރާޖެއްގައި އަލިފާން ރޯވެގެން ސަލާމަތީ ބާރުތަކަށް ރިޕޯޓު ކުރީރޭ12:27 ހާއިރު އެވެ. އަލިފާން...

10 Nov 2022 | 06:25

މ. ގައި އަލިފާން ރޯވި ގޭ ސަރަހައްދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންފި އެވެ.

އެގޭގައި ހުންނަ ގަރާޖެއްގައި އަލިފާން ރޯވެގެން ސަލާމަތީ ބާރުތަކަށް ރިޕޯޓު ކުރީރޭ12:27 ހާއިރު އެވެ. އަލިފާން ގަނޑު އެއްކޮށް ނިއްވާލެވުނީ ރޭ ފަތިހު4:34 ހާއިރު އެވެ.

މި ހާދިސާގައި މިހާތަނަށް10 މީހުން މަރުވެފައިވެ އެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝް މީހުން ހިމެނެ އެވެ.

އެ ސަރަހައްދުގައި ހުންނަވައިގެން ރައީސް ސޯލިހު ވަނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވާފައި އެވެ. އެމަނިކުފާނު ވިދާޅުވީ ގިނަ ބައެއްގެ ފުރާނަ ގެއްލުނު ނަމަވެސް ބޮޑު ސަރަހައްދަކަށް އަލިފާން ނުފެތުރޭނެ ގޮތަކަށް ސިފައިން އަލިފާން ކޮންޓްރޯލް ކުރުމަކީ ކުރި މުހިންމު މަސައްކަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ މިފަދަ ހާދިސާތައް މަދުކުރުމަށް އަދިވެސް ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ބިލްޑިން ކޯޑް ހަރުދަނާ ކުރަންޖެހޭކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ބައެއް ކަންކަން ކޮށް ނިންމާފައި އެބަހުރި ކަަމަށެވެ.

ކުރިން ކޮށްފައިވާ އެންމެ މުހިންމު މަސައްކަތަކީ އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު، ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރުމެވެ. ރައީސް ވިދާޅުވީ ކުރިޔަށް އޮތް އެންމެ މުހިންމު ކަމަކީ ގަރާޖުތަކާއި ވޯކްޝޮޕްތައް ތިލަފުއްޓަށް ބަދަލު ކުރުމެވެ.

ރައީސްގެ އަރިހުގައި އެ ސަރަހައްދަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް