ރޭގައި މާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި 10 މީހަކު މަރުވެފައިވާއިރު މިފަދަ ހާދިސާތަކުގައި އާންމުކޮށް ކަން ހިނގާ އުސޫލުން،މިފަހަރު އެ ވަގުތަށް ވާހަކަތަކެއް ދައްކަވާ އޮއްބާލާ އުސޫލު ދޫކޮށްލަންވާނެކަމުގައި ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލީޝަނުން ބުނެފިއެވެ.
އެ ކޯލީޝަނުން މިހެން ބުނެފައިވަނީ ރޭގެ މި ހާދިސާއާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ރޭ މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެތައް ބަޔަކު ނިޔާވި ޚަބަރު މިކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ނުހަނު ކަންބޮޑުވުމާއި އަސަރާއިއެކުކަމަށާއި މި ބިރުވެރި އަދި ހިތާމަވެރި ހާދިސާގައި ނިޔާވި އެންމެހާ މުސްލިމް އަޚުންނާއު އުޚުތުންގެ ފުރާނައަށް ﷲ ތަޢާލާ ރަޙުމަތްލައްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުމަށްއެދި ދުއާކުރާކަމަށެވެ.
"އަދި މިހާދިސާގައި ނިޔާވި އެންމެހާ ފަރާތްތަކުގެ ޢާއިލާތަކަށް ތައުޒިޔާ ދަންނަވަމެވެ. އަލިފާނުގެ ހާދިސާ ހިނގި ގޭގެ އިތުރުން ކައިރި ގޭގެއަށްވެސް އަލިފާނުގެ އަސަރުކޮށް އެކި ވަރުގެ ގެއްލުން ލިބިފައިވާތީ، މިހާދިސާގައި ނިޔާވި ފަރާތްތަކުގެ ޢާއިލާ ތަކަށާއި އެކި ވަރުގެ ގެއްލުން ލިބުނު ޢާއިލާތަކަށް ހަމްދަރުދީވާ ހާލު، އެފަރާތްތަކަށް މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ކެތްތެރިކަން މިންވަރުކުރެއްވުން އެދި ދުޢާކުރަމެވެ. ހާދިސާ ހިނގުމާއެކު، އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުރާނައަށް ބެލުމެއް ނެތި ޙަރަކާތްތެރިވި ދިވެހި ސިފައިންނާއި ފުލުހުން ގެ އިތުރުން އެހީތެރިވި ޢާންމު ރައްޔިތުން ގުޅިގެން ކުރެއްވި މަސައްކަތްތައް ފާހަގަކޮށް، އެފަރާތްތަކަށް މިކޯލިޝަންގެ އިޚުލާސްތެރި ޝުކުރު ދަންނަވަމެވެ. " ޕްރޮގްރެސިވް ކޯލީޝަނުން ބުނެފައިވެއެވެ.
އެއަށްފަހު އެ ކޯލީޝަނުން ބުނެފައިވަނީ މިފަދަ ހާދީސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ހޯދާ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށްވެސް އެ ކޯލީޝަންގެ ފަރާތުން ގޮވާލާކަމަށާއި މީގެ ކުރީގައިވެސް މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުމުން، އެވަގުތަށް ވާހަކަތަކެއް ދައްކަވާ އޮއްބާލާ އުސޫލު ދޫކޮށްލާ، މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރު ނުވާނޭ ގޮތެއްގެ މަތިން ކަންކަން ކުރެވޭނޭ ނިޒާމެއް ކަނޑައަޅައި، ހަރުދަނާ ސިޔާސަތެއް އެކަށައެޅުމަށްވެސް ސަރުކާރަށް ގޮވާލާކަމަށެވެ.
މީގެ އިތުރުން، މި ހާދިސާގެ ސަބަބުން ގެއްލުން ލިބި ހާލުގައި ޖެހިފައިވާ ޢާއިލާތަކަށް ބޭނުންވާ އެންމެހާ އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކޮށް، މިހާދިސާގެ ސަބަބުން ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ޕްރޮގްރެސިވް ކޯލީޝަނުން ގޮވާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް