ޖުމްހޫރިއްޔަތުގެ އަސާސްއަކީ އަބަދުވެސް ރައްޔިތުން އެންމެ އެދޭގޮތަށް ކަންކަން ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ ފާއިތުވި 3 އަހަރަކީ މިމަގުން ސަރުކާރު ހިންގުމަށް ވަރަށް ބޮޑު އިސްކަމެއް ދިން 3 އަހަރު ކަމަށެވެ. އަދި އެގޮތުން ޒަމާނުއްސުރެ ހިފެހެއްޓިފައި ހުރި މަރުކަޒީ ބާރުތައް ދޫކޮށް މުޅި ރާއްޖެ ލާމަރުކަޒުކުރުމަށް ވެސް ފާއިތުވި 3 އަހަރު ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދެއްވި ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި މީހުން ބިނާކުރުމަށް ސަރުކާރުން ފާއިތުވި 3 އަހަރު ވަރަށްބޮޑު އިސްކަމެއް ދިންކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އޭ-ލެވެލް އަށް ކިޔަވައިދިނުން ފެށުމާއި، ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށުމާއި ރާއްޖޭގެ ވަނީ ފާހަގަ ކުރައްވާފަ އެވެ.
މީގެ އިތުރުން ސަރަޙައްދީ ތަރައްޤީއަކީ ވެސް ލާމަރުކަޒީ ނިޒާމުގެ މުހިންމު ބައެއްކަން ފާހަގަކުރައްވައި ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓާރޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތާއި ނަފްސާނީ ބަލިތަކަށް އާސަންދައިން ފަރުވާކުރެވޭގޮތަށް ހެދުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރައިމަރީ ހެލްތް ކެއަރގެ ނިޒާމް ހަރުދަނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް ރައީސް ސޯލިހު ވަނީ އަލިއަޅުވާލައްވާފަ އެވެ.
ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި މި 3 އަހަރުގެ އަމާޒަކީ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ މަސައްކަތް ހިންގަންފަށައި އަދި ކުރިޔަށްއޮތް 2 އަހަރުގެ ތެރޭގައި އެމަސައްކަތް މުޅިން ނިންމުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް