އެމެރިކާއިން އަފްގާނިސްތާނުގައި އަތް ގަދަކޮށްގެން އުޅުނު އިރު ތަމްރީން ކުރި އަފްގާން އަސްކަރިއްޔާގެ ޕައިލެޓުން ގައުމު ދޫކޮށް ނުދިއުމަށް ތޯލިބާން ސަރުކާރުން އެދެފި އެވެ.
އޮގަސްޓު މަހު ތޯލިބާނުން އެ ގައުމުގެ ވެރިކަން ވައްޓާލުމާއި އެކު އަދަބު ލިބޭނެކަން އެނގުނު މީހުންގެ ތެރޭގައި ކުރީގެ ސިފައިން ހިމެނެ އެވެ. އެހެންވެ އަންހެނުންނާއި ފިރިހެނުން ހިމެނޭހެން މިހާރުވެސް ގިނަ އަދަދެއްގެ ސިފައިން ވަނީ އަފްގާން ދޫކޮށް އެކި ގައުމުތަކަށް ފިލައިގެން ގޮސްފަ އެވެ.
ރިޕޯޓުުތައް ބުނާގޮތުގައި އަފްގާނުން ބޭރުވެގެން ތަޖިކިސްތާނުގައި ރެފިއުޖީންގެ ގޮތުގައި ތިބި އެ ގައުމުގެ ސިފައިންގެ ޕައިލެޓުންގެ 140 މީހަކު އިއްޔެ ވަނީ ޔޫއޭއީއަށް ފުރާފަ ކަމަށެވެ. އެ ގައުމުގައި ތިބި ޕައިލެޓުންގެ އިތުރުން އެމެރިކާގެ އެހީގައި ތަމްރީން ހޯދި އިތުރު ޕައިލެޓުންތަކެއް އުޒްބަކިސްތާނާއި ސެންޓްރަލް އޭޝިއާގެ އެހެން ގައުމުތަކެއްގައިވެސް ރެފިއުޖީންގެ ގޮތުގައި އެބަތިބި ކަމަށް ބުނެފައިވެ އެވެ.
މިކަމާއި ގުޅިގެން ތޯލިބާނުންގެ އިސް ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތޯލިބާނުންގެ ވެރިކަމުގައި އަފްގާނިސްތާނުގެ ހުރިހާ ރައްޔިތުންނަށް މައާފު ދީފައިވާ ކަމަށެވެ. އެހެން ކަމުން އަސްކަރީ ޕައިލެޓުންވެސް ގައުމު ދޫކޮށް ނުދިއުމަކީ އެދިވަޑައިގެންނަވާ ކަމަށް ވިދާޅުވި އެވެ.
ޒަބީހުﷲ ވިދާޅުވީ އަސްކަރީ ޕައިލެޓުން ގައުމަށް ވަރަށް ބޭނުންވާ ކަމަށެވެ. އެހެން ކަމުން އެނބުރި އައިސް ގައުމަށް ހިދުމަތް ކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
އެމެރިކައިން ތަމްރީންކޮށްދިން އަފްގާން ސިފައިންގެ ޕައިލެޓުން ވަނީ ޓެރަރިޒަމް އާއި ދެކޮޅަށް އެ ގައުމުގެ އެކި ޕްރޮވިންސްތަކުގައި ހިންގި ބޮޑެތި އޮޕަރޭޝަންތަކުގައި ކާމިޔާބު ހޯދާފަ އެވެ.
ކުރީގެ ސިފައިންގެ އިތުރުން މުނިފޫހިފިލުވުމާއި ކުޅިވަރާއި އެނޫން ދާއިރާތަކުގެ މީހުން ދަނީ ތޯލިބާނުންގެ ފަރާތުން އަދަބު ލިބޭނެތީ ބިރުން ގައުމު ދޫކޮށް ދަމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާގެ ބާރުގެ ދަށުގައި އޮތް އިރު ތޯލިބާނުން ގަބޫލު ކުރާ އުސޫލުތަކާއި ހިލާފަށް އަމަލުކޮށްފައިވާ ބައެއް މީހުން މިދިޔަ ތިން މަހުގެ ތެރޭގައި މަރާލާފައިވެ އެވެ.
މިދިޔަ ހަފްތާގައިވެސް ވަނީ އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ ހަތަރު އަންހެނަކު ގައުމު ދޫކޮށް ދާން އުޅެނިކޮށް މަރާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް