ސަރުކާރުން އިއުލާނު ކުރި މިނިމަމް ވޭޖްގައި ބިދޭސީ މަސައްކަތްތެރިން ނުހިމެނުމަކީ އެމީހުންނާއި މެދު ގެންގުޅޭ ތަފާތު ކުރުންތައް އިތުރު ވާނެ ކަމެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.
ސަރުކާރުން މިނިމަމް ވޭޖް ކަނޑައަޅާފައިވަނީ ދިވެހިންނަށް އެކަންޏެއް، ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން މިނިމަމް ވޭޖް ކަނޑައަޅާފައިވާއިރު އެންމެ ދަށްކޮށް ދެވޭ މުސާރަ އަކީ4،500 ރުފިޔާ އެވެ.
ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން މިނިމަމް ވޭޖް ކަނޑައަޅާފައިވަނީ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ދިން ލަފާއާ އެއްގޮތަށް ކަމަށް ނުވާތީ އެކަމާއި ކަންބޮޑުވާ ކަމަށާއި އެއީ ކޮންބައެއްގެ ނުފޫޒުގަ ވީކަމެއްތޯ ސުވާލު އުފެދޭ ކަމަށެވެ. ބޯޑުން ސަރުކާރަށް ލަފާދީފައިވަނީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށެވެ.
ޓްރާންސްޕޭރެންސީން ބުނީ ސަރުކާރުން މިނިމަމް ވޭޖް ކަނޑައަޅާއިރު ހުރިހާ މަސައްކަތްތެރިން ހަމަހަމަ ވާން ޖެހޭނެ ކަމަށެވެ. އެގޮތުން ބިދޭސީން އޭގެ ތެރޭގައި ނުހިމެނުމުން މިހާޜުވެސް އެމީހުންނާއި މެދު ގެންގުޅޭ ތަފާތު ކުރުންތައް އިތުރުވެ ހައްގުތައް ގެއްލިގެންދާނެ ކަމަށް ބުނެ އެވެ.
އެކަމުން ނުކުންނާނެ އިތުރު މައްސަލަތަކުގެ ތެރޭގައި ޓްރާންސްޕޭރެންސީން ފާހަގަ ކޮށްފައިވަނީ ރާއްޖޭގައި މިހާރު ވެސް އޮތް އިންސާނީ ވަގުފާރީގެ މައްސަލަ އިތުރަށް ގޯސްވުމެވެ. ބިދޭސީ މަސައްކަތްތެރިން މިނިމަމް ވޭޖެއްގެ ތެރޭގައި ނުހިމެނުމަކީ އޭގެ ނުސީދާ ގެއްލުން ދިވެހި މަސައްކަތްތެރިންނަށް ވެސް ލިބޭނެ ކަމެއް ކަމަށް ބުެނފައިވެ އެވެ.
އަދި މީގެ ސަބަބުން ވަޒީފާ ދޭ ފަރާތްތަކުން މަސައްކަތްތެރިންނަށް މިނިމަމް ވޭޖު ނުދިނުމުގެ މަގުސަދުގައި ކުޑަ މުސާރައަކަށް ބިދޭސީ މަސައްކަތްތެރިން ލައްވާ މަސައްކަތް ކުރުވުމަށް މަގުފަހި ވެގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
މިނިމަމް ވޭޖެއްގެ މަގުސަދަކީ މަސައްކަތްތެރިން މަސައްކަތް ކުރާ ގައުމެއްގައި އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށެވެ.
އެހެންކަމުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް މިނިމަމް ވޭޖު ނުދެވޭނެ ސަބަބެއް ކަމަށް، އެމީހުންގެ ރަށްވެހިކަން އޮންނަ ގައުމުގެ މިނިމަމް ވޭޖު ދޭ އަދަދުތައް ރާއްޖޭގެ މިނިމަމް ވޭޖު އަދަދުތަކަށް ވުރެ ކުޑަ ކަމަށް ބުނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ޓްރާންސްޕޭރެންސީއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް