ދަ ގްލޯބަލް ސެންޓަރ އޮން އެޑެޕްޓޭޝަން (ޖީ.ސީ.އޭ.) އާ ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މއީި މޫސުމަށް އަންނަ ބަދަލުތަކަށް ދިވެހިރާއްޖެ ހޭނުވުމަށާއި، އެކަންކަމުން ލިބޭ ގެއްލުން ކުޑަކުރުމުގައި ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ވެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި ސޮއި ކުރީ އިނގިރޭސި ވިލާތުގެ ގްލާސްގޯގައި މިހާރު ހިނގުމުންދާ ކޮންފަރެންސް އޮފް ޕާޓީސް ގެ 26 ވަނަ ބައްދަލުވުން (ކޮޕް26) ޖަލްސާގެ ހަވާސާގަ އެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ އެވެ. ޖީ.ސީ.އޭ. ގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ މިސްޓަރ ޕެޓްރިކް ވާރކޫއިޖެން އެވެ.
މި އެއްބަސްވުމުގެ ދަށުން، މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެ ހޭނުމަށް ޖުމްލަ 200 މިލިއަން ޔޫ.އެސް. ޑޮލަރު ގެ މަޝްރޫޢުތަކެއް އެކުލަވާލުމަށް ޖީ.ސީ.އޭ. މެދުވެރިކޮށް ފައިސާ ހޯދައި ހިންގުމަށް ވަނީ ރޭވިފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ ފަރާތުން ޕެރިސް އެގްރިމެންޓަށް ހުށަހެޅި ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ.) ގައި ހިމެނޭ އެޑެޕްޓޭޝަން ލަނޑުދަނޑިތައް ހާސިލްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ވަކާލާތު ކުރުމުގައި ރާއްޖެ އިސް ދައުރެއް އަދާކުރުމަށް ކްލައިމެޓް ވަލްނަރަބްލް ފޯރަމް އަދި ވީ20 މެދުވެރިކޮށް ކުރާ މަސައްކަތްތަކަށް އެހީވުން ވެސް މި އެއްބަސްވުމުގެ ދަށުން ހިމެނެ އެވެ.
ޖީ.ސީ.އޭ. އިން ރާއްޖެއަށް އެހީފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށާއި ފެނުގެ ވަސީލަތްތަކަށާއި، ރާއްޖޭގެ ރަށްރަށަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، މި ކަންކަމަށް ބޭނުންވާ މާލީ އެހީ ހޯދުން ހިމެނެ އެވެ.
ދަ ގްލޯބަލް ސެންޓަރ އޮން އެޑެޕްޓޭޝަން އަކީ މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ގައުމުތައް ހޭނުވުމަށް 2018 ވަނަ އަހަރު ނެދަލޭންޑްސް ގެ ރޮޓަރޑޭމްގައި އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމާއަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް