މި އަހަރުގެ އޮކްޓޯބަރ މަހުގެ އަންދާޒާއަށް ވުރެ 39 އިންސައްތަ އިތުރަށް މީރާއަށް ލިބިއްޖެ

އޮކްޓޫބަރު 2021 ގައި މީރާއަށް 1 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން ހާމަކޮށްފި އެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނ...

10 Nov 2021 | 13:03

އޮކްޓޫބަރު 2021 ގައި މީރާއަށް 1 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން ހާމަކޮށްފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %155.7 އިތުރު އަދަދެއް ކަމަށެވެ. އަދި މި އަހަރުގެ އޮކްޓޯބަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %39.2 އިތުރު އަދަދެއް ކަމަށެވެ.

އެ އޮތޯރިޓީން ބުނީ ފައިބެއަހަރުގެ އޮކްޓޫބަރު މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ އޮކްޓޫބަރު މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުން ކަމަށެވެ.

މިގޮތުން، މިދިޔަ އަހަރުގެ އޮކްޓޫބަރު އާއި އަޅާބަލާއިރު، މިއަހަރުގެ އޮކްޓޫބަރުގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 12 ގުނަ އިތުރުވެފައިވާ ކަމަށް ވެސް މީރާއިން ބުނެއެވެ. މީގެ ސަބަބަކީ މިދިޔަ އަހަރު ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުންކަމަށް މީރާއިން ފާހަގަކުރެ އެވެ.

މީގެ އިތުރުން، އާމްދަނީ އިތުރުވުމުގެ އަނެއް ސަބަބަކީ ކުރީގެ މުއްދަތުތަކަށް ލިބެންޖެހޭ ޓޫރިޒަމް ލޭންޑް ރެންޓްގެ ފައިސާ މި މަހުގެ ތެރޭގައި ލިބިފައިވުންކަމަށް މީރާއިން ބުންޏެވެ.

އޮކްޓޫބަރު 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާއެއް ޖީ.އެސް.ޓީން ހިއްސާ ކުރާ އިރު، އެއީ 584.86 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުން ނެވެ. އެއީ 117.96 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 65.11 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 57.16 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 50.2 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 125.98 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާ އިން ބުނެ އެވެ.

މިއަހަރުގެ އޮކްޓޫބަރު މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 38.20 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް