ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ފިލިޕީންސްގެ ރައްޔިތެއް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެ ހޮސްޕިޓަލްގެ މެނޭޖްމަންޓްގެ ތިން މީހަކަށް ދައުވާ ކުރަން ނިންމައިފިއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ 22 ޑިސެމްބަރު، 2020 ގައި ޓްރީޓޮޕްގެ ނަރުހެއްގެ ވަޒީފާގައި މަސައްކަތް ކުރަމުން ދިޔަ ޕިލިޕީންސްގެ ރައްޔިތެއް ކަމުގައިވާ ރޮމަރ ސިމޯރާ ލަޒާޑޯ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ކަން އެނގި ހުރެ އެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައިނުވާ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ވިދާޅުވީ މެނޭޖްމަންޓްގެ ތިން މީހަކަށް ދައުވާ ކުރަން ނިންމާފައިވަނީ އެ މައުލޫމާތު ޓްރީޓޮޕް ހޮސްޕިޓަލްގެ މެނޭޖްމަންޓްއަށް ލިބުމުން ވެސް އެ މަޢުލޫމާތު އެ ވަގުތު ރިޕޯޓް ކުރަންޖެހޭ އެއްވެސް މުއައްސަސާއަކަށް ރިޕޯޓް ކޮށްފައި ނުވާތީއެވެ.
މި މައްސަލާގައި ދައުވާ ކުރަނީ ބ. އޭދަފުށި ފެންއާރު އާދިލް މޫސާއާއި، ތ. ގުރައިދޫ ކޮވެލިގެ އާމިނަތު ސުހާއާއި، ސ. ހުޅުދޫ ޑޭޒީވިލާ ނަޒީރާ ނަޖީބުގެ މައްޗަށެވެ.
ޕީޖީ އޮފީހުން ވިދާޅުވީ މި ތިން މީހުނަކީ އެ ހޮސްޕިޓަލްގެ "ސްޕެޝަލް ކޮމިޓީ އޮން ވޯކްޕްލޭސް ބުލީއިން އެންޑް ހެރަސްމަންޓް"ގެ މެންބަރުންގެ މަގާމުގައި ވެސް ތިއްބެވި މީހުނެވެ.
ތިން މީހުންގެ މައްޗަށް ވެސް އުފުލާ ދައުވާ އަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން އެނގި ހުރެ ނޭންގުމުގެ ކުށުގެ ދައުވާއެވެ.
ޕީޖީ އޮފީހުން އިތުރަށް ވިދާޅުވި ގޮތުގައި މި މައްސަލައަކީ އާންމު ފަރާތްތަކަކުން އެ އޮފީހަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، 2021 މާރިޗު މަހު، ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރުމަށް އަމުރުކުރި މައްސަލައެކެވެ.
މި މައްސަލައާއި ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލުން ވަކި އެއްޗެއް ބުނެފައި ނުވާއިރު ބިދޭސީ ނަރުސް މީހާ ރާއްޖެ ނާދެވޭ ގޮތަށް އިމިގްރޭޝަން މެދުވެރިކޮށް ބްލެކް ލިސްޓު ކުރެވިފައި ކަމުގައި ފުލުހުން އެންމެ ފަހުން ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް