ބީއެމްއެލް ސްކޮލަރޝިޕް ފަންޑް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން 'ބީއެމްއެލް ސްކޮލަރޝިޕް ފަންޑް' ތައާރަފްކޮށްފި އެވެ. މިއީ 2022 ވަނަ އަހަރު ނޮވެންބަރު މަހު ފާހަގަ ކުރާ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު...

10 Nov 2021 | 09:52

ބޭންކް އޮފް މޯލްޑިވްސް އިން 'ބީއެމްއެލް ސްކޮލަރޝިޕް ފަންޑް' ތައާރަފްކޮށްފި އެވެ.

މިއީ 2022 ވަނަ އަހަރު ނޮވެންބަރު މަހު ފާހަގަ ކުރާ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ހަރަކާތެވެ.

މިގޮތުން މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަދު ތައާރަފް ކުރެވުނު ސްކޮލަރޝިޕް ފަންޑު މެދުވެރިކޮށް ހުރިހާ ޚަރަދަކާއެކު ރާއްޖޭން ބޭރުން ބޭންކިންގ އަދި ފައިނޭންސް ގެ ދާއިރާއިން 3 ދަރިވަރަކަށް ސްކޮލަރޝިޕް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފަންޑަކީ ކޮންމެ އަހަރަކު ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭނެހެން ހުނަރުވެރި ދިވެހި ޒުވާނުން މި ދާއިރާއިން ބިނާ ކުރުމުގެ އަމާޒުގައި ހުޅުވާލެވުނު ފަންޑެކެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި އަންނަ އަހަރު ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާއިރު، މިއީ ބޭންކަށް ހާސިލްކުރެވޭ މުހިންމު ލަނޑުދަނޑިއަކަށް ވެސް ވެގެންދާނެ ކަމަށެވެ. އަދި މި ދުވަހަށް މަރުހަބާ ކިޔުމުގެ ގޮތުން ފާހަގަކޮށްލެވޭ މުހިންމު ބޮޑެތި ހަރަކާތްތަކެއް ކޮންމެ މަހަކު ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

" މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށާއި އަގުވަޒަން ކުރުމުގެ ގޮތުން ކުރެވޭ މުހިންމު ކަންތައްތަކެއް. މި ހަރަކާތްތަކުގެ ތެރެއިން މިއަދު ފުރަތަމަ މި އިއުލާން ކުރެވެނީ ބީއެމްއެލް ސްކޮލަރޝިޕް ފަންޑް. އަދި މި ހަރަކާތުގެ ޒަރިއްޔާއިން މުޖުތަމައަށް އެހީތެރިވެ ގައުމުގެ މުސްތަގްބަލަށް އިންވެސްޓް ކުރެވޭކަމީ އަޅުގަނޑުމެން ފަހުރުވެރިވާކަމެއް."" ޓިމް ސޯޔަރ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މި މުނާސަބަތު ފާހަގަކުރަމުންދާއިރު، މުޖުތަމައަށް ފައިދާހުރި ދާއިރާތަކާއި އިންވެސްޓް ކުރަން ރަނގަޅު ދާއިރާތައް ފާހަގަކޮށް ޚިޔާލު ހުށަހެޅުމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ކޮޕް ސަމިޓްގައި މަޝްވަރާ ކުރުވުނު ކަންތައްތަކާ ގުޅުވައިގެން ތިމާވެއްޓާ ގުޅުންހުރި މުހިންމު ހަރަކާތްތަކެއް ހިމަނާ، ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގުމަށް އިސްކަންދޭ ކަމަށް ވެސް ވިދާޅުވި އެވެ.

ބީއެމްއެލް ސްކޮލަރޝިޕް ފަންޑަށް ހުށަހެޅުމާގުޅޭ ތަފްސީލު ފަހުގެ ތާރީޚެއްގައި ބީއެމްއެލްގެ ވެބްސައިޓްގައި ހާމަކުރާނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް