ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްގެ މަޤާމަށް މ.ބާރަނާގެ މަރްޔަމް މުނާ އަދި އެ ކޮމިޝަނުގެ ނައިބު ރައީސްކަމަށް މއ. މާވެޔޮގެ ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲ ޢައްޔަންކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، މި ބޭފުޅުން މި މަޤާމުތަކަށް ޢައްޔަންކުރައްވާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 6/2006 )ގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތީން ނެވެ.
މަރްޔަމް މުނާ މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައި ވަނީ އޮސްޓްރޭލިޔާގެ އީޑިތް ކޯވަން ޔުނިވަރސިޓީން ނެވެ. މަރްޔަމް މުނާ މި މަޤަމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ހިއުމަންރައިޓް ކޮމިޝަނުގެ މެންބަރެއްގެ މަޤާމުގަ އެވެ.
އޭގެ ކުރިން މުނާ ހުންނެވީ އޭޝިއާ ޝިޕިންގ އެންޑް އިންޓަރނޭޝަނަލް ޓްރޭޑިންގ ގެ ކޯޕަރޭޓް ސެކްރެޓަރީގެ މަޤާމުގަ އެވެ. އަދި މިނިވަން މުވައްސަސާތަކާއި ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ އިސްމަޤާމުތައް މުނާ ފުރުއްވާފައި ވެއެވެ.
ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲ، ޑޮކްޓްރޭޓް އޮފް ފިލޯސޮފީ އިން ލޯ (އިންޓަނޭޝަނަލް ލޯ) ފުރިހަމަކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގް އިން ނެވެ. މީގެ ކުރިން އެބޭފުޅާ ވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯ ގެ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވާފަ އެވެ.
މީގެ އިތުރުން ޑޮކްޓަރ އަދުހަމް އަކީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ.
ޑޮކްޓަރ އަދުހަމް މި މަޤަމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ހިއުމަންރައިޓް ކޮމިޝަނުގެ މެންބަރެއްގެ މަޤާމުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް