ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މާ ވާހަކަ ގިނަ ކުރައްވާނަމަ ފަލީހަތް ކޮށްލާނެ ކަމުގެ އިންޒާރު މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ދެއްވައިފި އެވެ.
ރޮޒައިނާ އިއްޔެ މަޖިލީހުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ތަށިމުށި ޖެހުމަށް ފައިސާ ހޯދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ވިއްކާލަން ޖެހޭ ކަމަށެވެ. އަދި އިދިކޮޅު މެމްބަރުން ބަޖެޓުގައި މުހިންމު ކަންކަމަށް ފައިސާ ނެތް ކަމަށް ވިދާޅުވާތީ ރޮޒައިނާ ވަނީ ބަޖެޓުގައި ނެތީ މުލިއާގެއަށް ކަޅު ކޮތަޅުގައި ގެންދާނެ ފައިސާ އެކަނިކަމަށް ވިދާޅުވެފަ އެވެ.
މި ވާހަކަތަކަށް ރައްދުދެއްވައި މިއަދު ތޯރިގު މަޖިލީހުގައި ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވާހަކައާއި އެމަނިކުފާނުގެ ގެ ކޮޅު ނަގާ ވާހަކަ ދައްކާ ނަމަ އެދެމެނީ އިދިކޮޅު މެމްބަރުންގެ އަނގަޔަށް ކަމަށެވެ އޭނާ ވިދާޅުވީ އެގޮތަށް ވާހަކަ ދައްކަވާނަމަ ދެން ރޮޒައިނާ ވާނީ ފަލީހަތް ކަމަށެވެ.
ތޯރިގު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އޭރުގެ ސަރުކާރުން ބޭނުންވެގެން ބައެއް ގާނޫނުތަކާއި ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހްތަކަށާއި އަދި ބައެއް މީހުން ބޭރުކުރުމަށާއި އެތެކުރުމަށް ނެގި ވޯޓްތަކުގައި ރޮޒައިނާ އެމްޑީޕީގެ ވިޕްތަކާއި ހިލާފަށް ވޯޓް ދިނީ ކީއްވެގެންތޯ ސާފުކޮށްފައި ޔާމީންގެ ގެކޮޅުގެ ވާހަކަ ދެއްކެވުން މައްސަލައެއް ނެތް ކަމަށެވެ.
ތޯރިގު ވިދާޅުވީ އެފަދަ ވާހަކަތައް ދައްކަވާއިރު ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް ކަަމަށެވެ. ތޯރިގު ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން ނެރޭ ރިޓޯޓެއްގައި ރޮޒައިނާގެ ނަން ނެތަސް ހައިރާން ނުވާނެ ކަމަށާއި އެމްޑީޕީ މެމްބަރުންގެ ތެރެއިން ރޮޒައިނާއަށް ވޯޓު ދެވުނު ގޮތް ފެންނަން އެބައޮތް ކަަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް