މިޔަންމާގައި އަސްކަރިއްޔާ ދެކޮޅު ހަދާ މީހުންނައި ދެކޮޅަށް ސިފައިން ހިންގާ ޖަރީމާތަކައި ގުޅިގެން ޖަންގަލިތަކަށް ދިރިއުޅުން ބަދަލު ކުރަމުންދާ ފަރާތްތަކަށް އެހީ ފޯރުކޮށްދޭ މީހުން ހައްޔަރު ކުރަން ފަށައިފި އެވެ.
ހާލުގައި ޖެހިފައިވާ މީހުން ޖަންގަލިތަކަށް ދިރިއުޅުން ބަދަލު ކުރަމުން ދަނީ މިޔަންމާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ ކަރެންނީގައި އެވެ. އެ ސްޓޭޓްގައި ސިފައިންނާ ދެކޮޅަށް އާންމުންގެ ތެރެއިން ބޮޑު ޖަމާއަތެއް ދަނީ ހަނގުރާމަ ކުރަމުން އެވެ.
ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ފޯޓިފައި ރައިޓްސް އިން ބުނީ އެ ޖަމިއްޔާ އާއި ގުޅިގެން ހިލޭ ސާބަހަށް މަސައްކަތް ކުރާ 14 އަށްވުރެ ގިނަ މަސައްކަތްތެރިން މިޔަންމާ ސިފައިން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ސިފައިން ދަނީ އާންމު ރައްޔިތުންގެ މުދާ ލޫޓުވަމުން ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އެމީހުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ބޭހާއި، ކާނާ އަދި އަންނައުނު ފަދަ އާލާތްތައް ސިފައިން ހަލާކުކޮށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ތަކެތި ފޯރުކޮށްދިނުމަށް ހުރަސް އަޅަމުންދާ ކަމަށް ބުނެފައިވެ އެވެ.
މިޔަންމާއަށް ހިލޭ އެހީ ފޯރުކޮށްދެމުންދާ ޖަމާއަތްތަކުގެ ތެރޭގައި އދ. އާއި އާސިއާން ހިމެނެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އަސްކަރީ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރާ މީހުންނާއި ސިފައިންގެ ހަމަލާތަކުން ސަލާމަތްވާން މިޔަންމާގެ ލައްކައަކަށްވުރެ ގިނަ އާންމުން ދިރިއުޅޭ ތަން ދޫކޮށް އެހެން ތަންތަނަށް ހިޖުރަކޮށްފައިވެ އެވެ.
މިޔަންމާގައި އަސްކަރިއްޔާއާ ދެކޮޅަށް އާންމުންގެ ތެރެއިން ޖަމާއަތް ހަދައިގެން ހަނގުރާމަ ކުރަން ފެށީ މިދިޔަ ފެބްރުއަރީ އެއް ވަނަ ދުވަހު އަސްކަރިއްޔާއިން ގެނައި ބަޣާވާތާއި ގުޅިގެންނެވެ. އަސްކަރިއްޔާއިން ވަނީ އެ ގައުމުގެ ޑިމޮކްރެޓިކް ލީޑަރު އަންސަން ސޫޗީ ހައްޔަރުކޮށް ޑިމޮކްރަޓިކް ވެރިކަން ވައްޓާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް