ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއެކު 4 ބިލެއް ސަރުކާރުން މަޖިލީހަށް ފޮނުވަން ނިންމައިފި އެވެ.
މަޖިލީހަށް ހުށަހަޅަން ފޮނުވި ބިލްތަކުގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރިކުރުމުގެ ބިލާއި ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
މީގެ ތެރެއިން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަނީ ދިވެހިރާއްޖޭގައި ގާއިމުވެފައިވާ އަދުލު އިންސާފުގެ ނިޒާމުގައި ހިމެނޭ ޝަރުއީ ކޯޓުތަކާއި އެ ކޯޓުތަކުން ހިންގާ ޝަރީއަތްތައް ހިނގަމުންދަނީ އެ ނިޒާމުގައި ކަންކަން ތަރުތީބު ކުރެވިފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި އެ ކޯޓުތަކަށް ކަނޑައެޅިފައިވާ އިހްތިސާސް އާއި ބާރުގެ ދާއިރާގެ ތެރޭގައިކަން ކަށަވަރު ކުރުމަށްޓަކަ އެވެ.
މީގެ އިތުރުން ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް، ކަމާގުޅޭ އުސޫލުތައް ކުރިއެކޭވެސް އެއްފަދައިން ގާނޫނުގައި ކަނޑައެޅުމަށްޓަކައި ވެސް މި ގާނޫނަށް އިސްލާހު ގެނެ އެވެ.
މި ބިލުގައި ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމަށާއި، ކޯޓުތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ވެސް އިސްލާހުތަކެއް ހިމަނާފައި ވާނެއެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަނީ ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ފަނޑިޔާރުންނަށް ލިބިދެވޭ ޗުއްޓީއަކީ އެކަށީގެންވާ މުއްދަތަކަށް ލިބިދެވޭ ޗުއްޓީއެއް ކަމުގައި ކަނޑައެޅުމަށްޓަކަ އެވެ.
ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރިކުރުމުގެ ބިލު ހުށަހަޅަނީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރިއާބެހޭ ބައިނަލްއަގްވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒު ކުރުމަށްޓަކަ އެވެ.
އެގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި ނޫން ގޮތަކަށް ކުރާ ބައިނަލްއަގްވާމީ ވިޔަފާރީގެ ސަބަބުން، ނެތިދިޔުމުގެ ބިރު ހީވެފައިވާ އަދި ނެތިދިޔުމުގެ ނުރައްކާ ކުރިމަތިވެފައިވާ އަދި އެކްސްޕްލޮއިޓްކުރެވޭ ޖަނަވާރާއި ގަސްގަހާގެއްސާއި، އެ އެއްޗެހީގެ ބައިތަކާއި އުފެއްދުންތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި، އެ ތަކެތީގެ ވިޔަފާރިކުރުމާއި، އެތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމާގުޅޭ އުސޫލުތައް މި ބިލުގައި ކަނޑައަޅާނެ އެވެ.
ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ހުށަހަޅަނީ އެ ގާނޫނު ތަންފީޒު ކުރުމުގައި މިނިސްޓްރީ އޮފް އެންވަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ދިމާވާ ބައެއް އިދާރީ ދަތިތައް ހައްލުކުރުމަށެވެ. އަދި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް