އެންމެ ފަހުން ވޯލްޑްކަޕް ކޮލިފައިން ގައި ފްރާންސް ކުޅެންޖެހޭ ފަހު ދެ މެޗަށް ތައްޔާރު ވުމަށް ބޭއްވި ފަރިތަކުރުންތަކުގައި އަނިޔާވި މިޑްފީލްޑަރ ޕޯލް ޕޮގްބާއަށް ގިނަ މެޗުތަކެއް ގެއްލޭނެ ކަމަށް ބެލެވިއްޖެއެވެ.
ފައިގެ ފަލަމަސްގަނޑަށް ލިބުނު ސީރިއަސް އަނިޔާ އަކާއި ގުޅިގެން ޕޮގްބާ އަށް ދެ މަހައްވުރެ ގިނަ ދުވަހު ކުޅުމާއި ދުރުގައި ހުންނަން ވަނީ ޖެހިފައެވެ. އެހެންކަމުން މި އަހަރު ދެން ބާކީ އޮތް ދެ މަސްދުވަސް ތެރޭގައި ޕޮގްބާ އަށް އެއްވެސް މެޗެއްގައި ބައިވެރި ނުވެވޭނެއެވެ.
ޕޮގްބާއަށް އަނިޔާވީ އަންނަ ހަފްތާ ހޮނިހިރު ދުވަހު ކަޒަކިސްތާނާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕް ކޮލިފައިން މެޗަށް ތައްޔާރު ވުމަށް ފްރާންސްގެ ގައުމީ ޓީމާއި އެކު ކްލެއާފޮންޓެއިންގެ ޓްރެއިނިން ބޭސްގައި ކުރިޔަށް ގެންދިޔަ ވަން އޮން ވަން ޝޫޓިން ޑްރިލްގެ ތެރެއިންނެވެ.
ޕޮގްބާއަށް އަނިޔާގެ މައްސަލަ ކުރިމަތިވިއިރު، އޭނާ މިވަގުތު ހުރީ ސަސްޕެންސަނުގައެވެ. އޭނާ ސަސްޕެންޑް ކުރީ ލީގުގައި ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލުގެ ނަބީ ކިއޭޓާއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ދެއްކި ރަތް ކާޑާއި ގުޅިގެންނެވެ. މި ރަތްކާޑާއި ގުޅިގެން ޕޮގްބާ ސަސްޕެންޑް ކޮށްފައިވަނީ ހަމަ އެކަނި ޕްރިމިއާ ލީގު ތިން މެޗަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް