ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ވޯޓަކަށް ދިއުމަށް ޕާޓީތަކުން އެއްބަސްވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު ޖުމްހޫރީ ޕާޓީން ދޮގުކޮށްފި އެވެ.
ނަޝީދު އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާއި މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ނަގަން ސިޔާސީ ޕާޓީތަކަށް އެއްބަސްވެވޭ ކަމަށެވެ. ނަޝިދުގެ މެސެޖުގައި ވިދާޅުވީ ނޮވެމްބަރުގައި ނަގާނީ ފެންނަ ނުފެންނަ ވޯޓެއް ކަމަށާއި، އެކަމަކު ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަނީ2023 ވަނަ އަހަރު ކަމަށެވެ.
މިވާހަކަފުޅާއި ގުޅިގެން ޖޭޕީގެ އިސް ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ ނަޝީދުގެ ވާހަކަފުޅުތަކަކީ ދޮގެއް ކަމަށެވެ. އޭނާ ވިދާޅުވީ ޖޭޕީ އާއި އެކު ނަޝީދު ބޭއްވި ބައްދަލުވުމުގައި މިފަދަ ކަމަކަށް ޖޭޕީން އެއްބަސްވެފައި ނުވާނެ ކަމަށެވެ.
އަދި އެ މަޝްވަރާތަކުގައި އެއްވެސް ކަމަކަށް ރައީސް ނަޝީދާއި އެކު އެއްބަސްވެފައި ނުވާނެ ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.
ނަޝީދު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ބައްދަލު ކުރެއްވީ މިދިޔަ މަހުގެ25 ވަނަ ދުވަހު ސަން އައިލެންޑު ރިސޯޓުގައި އެވެ. އެ ބައްދަލުވުމާއި ގުޅޭ ތަފްސީލް ހާމަ ނުކުރި ނަމަވެސް ނަޝީދު ފަހުން ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކާއި ބައްދަލު ކުރީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ހުރިހާ ޕާޓީއެއްގެ އެއްބާރުލުން ބޭނުންވާތީ ކަމަށެވެ.
ނަޝިދާއި އެކު ބޭއްވި ބައްދަލުވުމަށް ފަހު އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ބުނެފައިވަނީ ސިޔާސީ އެއްވެސް މަޝްވަރާއެއް ނަޝީދާއި އެކު ކޮށްފައި ނުވާނެ ކަމަށެވެ. އެ ދެ ޕާޓީން ސިޔާސީ މަޝްވަރާއެއް ކުރާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުން ކަމަށް އެ ދުވަހު ވިދާޅުވެފައިވާނެ ކަމަށް އިދިކޮޅުން ބުނެފައިވެ އެވެ.
އެހެން ކަމަށް ވާނަމަ ނަޝީދަށް ނިޒާމު ބަދަލު ކުރުމުގައި އެއްބާރުލުން ދޭން އެއްބަސްވަނީ ކޮން ޕާޓީތަކެއް ކަމެއް ނޭނގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް