ކޮންމެ ރެއަކު ބަރާބަރު 10:00 ގައި ނިދަން އޮށޯންނަން އާދަ ކުރާނަމަ ހިތުގެ ބަލިތަކުން ދުރުވާ ކަމަށް ދިރާސައަކުން ދައްކައިފި އެވެ.
މި ދިރާސާ ކޮށްފައިވަނީ ޔޫރަޕިއަން ހާޓް ޖާނަލްއިންނެވެ. އެމީހުން ދިރާސާ ހަދާފައިވަނީ 88،000 މީހުން ބައިވެރިކޮށްގެންނެވެ.
ހަފްތާއެއްގެ މުއްދަތަކަށް ކުރިޔަށް ގެންދިޔަ މި ދިރާސާގައި އޭގެ ތެރެއިން އެއް ބަޔަކު ލަހުން ނިދަން އޮށޯންނައިރު އަނެއް ބަޔަކު 10:00 އާއި11:00 އާއި ދެމެދު ނިދަން އޮށޯވެ އެވެ. އަދި ވަގުތު ބަލަނީ އަތުކުރި ގަޑިއާއި ސްޓޮޕް ވޮޗާއި ތަފާތު ޑިވައިސްތައް ބޭނުން ކޮށްގެންނެވެ
ދިރާސާގެ ނަތީޖާގައި ބުނެފައިވަނީ އޭގެ ތެރެއިން ރޭގަނޑު ލަސްވަންދެން ހޭލާ އުޅުމަށް ފަހު ދަންވަރު ނިދި 30،000 މީހުންގެ ގައިން ހިތުގެ ބަލިތަކަށް މަގުފަހިވާ އަލާމާތްތަކާއި ހާޓް އެޓޭކު ޖެހުމުގެ އަލާމާތްތައް ހެދި ޓެސްޓުތަކުން ފެނިފައިވާ ކަމަށެވެ. 10:00 އާއި 11:00 އާދެމެދު ނިދާ މީހުންގެ ސިއްހީ މައްސަލަތައް މަދުކަމަށާއި އެމީހުންގެ ފަރާތުން ހިތުގެ ބަލިތަކާއި ގުޅޭ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
އަދި ދުވާލުގެ މަސައްކަތްތައް ރާވާލައިގެން ކުރުމަށް ސިކުނޑި ހަމަޖެހިފައި ހުންނަނީ ދަންވަރު ވަންދެން ނުތިބެ އިރާކޮޅު ނިދުމުން ކަން އެނގިގެން ދިޔަ ކަމަށް ބުނެފައިވެ އެވެ.
އެކަމަކު އެމީހުންގެ ދިރާސާއިން ނިދުމަށް ގެންނަ ބަދަލުން ހާޓް އެޓޭކު ޖެހުމަށް މަގުފަހިވާ އަސްލު ސަބަބުތައް ދެނެގަނެވިފައި ނުވާ ކަމަށް ބުނެފައިވެ އެވެ. ލަހުން ނިދާ މީހުންގެ ފަރާތުން ވަރުބަލިކަމާއި ފިކުރު ކުރުމާއި، ކޮލެސްޓްރޯލް މަތިވުމާއި އުމުރަށްވުރެ ބަރުދަން އިތުރުވުމުގެ މައްސަލަތައް ހަފްތާއެއްގެ ތެރޭގައި ފާހަގަ ކުރެވިފައިވެ އެވެ.
އެމީހުން ވަނީ މި ދިރާސާގެ މައްޗަށް ބަލައި ސީދާ ގޮތެއް ކަނޑައެޅުމުގެ ބަދަލުގައި ހާޓް އެޓޭކު ޖެހުމާއި ހިތުގެ އެހެން ބަލިތައް ޖެހޭ އަސްލު ސަބަބު ދެނެގަތުމަށް އިތުރު ދިރާސާއެއް ކުރަން ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް