ޓެކްނޮލޮޖީ އެތަށް ތަނެއް ކުރިއަރާފައިވާ މި ޤަރުނުގައި ސޯޝިއަލް މީޑިއާ ބޭނުން ނުކުރާ މީހެއް މަދުވާނެއެވެ. އަދި ސޯޝިއަލް މީޑިއާގެ ސަބަބަބުން އަހަރެމެންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގެނުވައިފިއެވެ. މިބަދަލުތަކަކީ މުޅިން ހެޔޮ ބަދަލުތަކަކާމެދު އަބަދުވެސް ސުވާލު އުފެދެއެވެ.
އެންމެ ގިނަ މީހުން ބޭނުން ކުރާ އެއް މީޑިއާކަމުގައިވާ ފޭސްބުކް އަކީ ތަފާތު ގައުމުތަކުގެ، ތަފާތު ދީންތަކުގެ، ތަފާތު ފަންތިތަކުގެ އަދި ތަފާތު ސަގާފަތްތަކުގެ މީހުންގެ ވާހަކަތައް ނުވަތަ ޚަބަރުތައް ފެންނަ މީޑިއާއެކެވެ. އަދި އެކިއެކި ބޭނުންތަކަށް ހިންގާ އެތަށް ޕޭޖުތަކެއް ހިންގާ ތަނެކެވެ. ބައެއް ޕޭޖުތަކަކީ އެއްޗެހި ވިއްކުމަށް ހަދައިފައިވާ ޕޭޖުތަކެކެވެ. އަނެއްބައި ޕޭޖުތަކަކީ ކަމެއް ނުވަތަ އެއްޗެއް ޕްރޮމޯޓު ކުރަން ހަދައިފައިވާ ޕޭޖުތަކެކެވެ. އަނެއްބައި ޕޭޖުތަކަކީ ލޯބީގެ ދަރުބާރުތަށްފަދަ ޕޭޖުތަކެވެ. އަނެއްބަޔަކީ އަނެކާއަށް ލިބިފައިވާ މުއްސަނދިކަމާއި ފޯރުން ތެރިކަމާއި އޭނާ ނަސީބު އެންމެންނަށް ދައްކުވައިދޭން ޕޯސްޓްތައް ކޮށްފައިވާ ޕޭޖުތަކެވެ.އެކި ބާވަތްކުގެ އެތަށް ޕޭޖުތަކެއް އޮވެއެވެ. ކޮންމެޔަކަސް ތަފާތު ޤައުމުތަކުގެ ތަފާތު ސަގާފަތްތަކުގެ މީހުންނާ ރަޙުމަތްތެރި ނުވިނަމަވެސް މިފަދަ މީހުންގެ މަޢުލޫމާތު އެންމެ ގިނައިން ލިބެނީ ބުނެވިދިޔަ ފަދަ ޕޭޖުތަކުންނެވެ.
ލޯބީގެ ގުޅުންތަކުގެ ވާހަކަތަކާއި ލޯބީގެ އެކިއެކި މެސެޖުތައް ހުންނަ ޕޭޖުތަށް ވަރަށް ގިނައެވެ. މިފަދަ ޕޭޖުތަކަކީ އަންހެން ކުދިންގެ "ލައިކްސް" ވަރަށް ގިނަ އަދަދަކަށް ލިބިފައިވާ ޕޭޖުތަކެކެވެ. މިސާލަކަށް ދުރުގައުމެއްގެ ފިރިހެނަކު ރާވައިގެން ވަރަށް އަގުބޮޑުކޮށް ތައްޔާރުކޮށް އޭނާގެ ލޯބިވެރިޔާއަށް ކައިވެންޏަށް އެދި ހުށައަޅާ ވީޑިއޯއެއް މިފަދަ ޕޭޖެއްގައި އޮވެދަނެއެވެ. މި ވީޑިއޯ ނިމޭއިރަށް ފެންނާނީ އެފަދަ އެހެން ވީޑިއޯއެކެވެ. އެންމެ ފަހުން މިފަދަ ވީޑިއޯ ބެލުނުވަރުންވެސް ތިމާއަށް އެކަން އެހެންވާން ހިތް އެދޭނެއެވެ. ހިތުގައި އޮންނަނީ ' އަހަރެންގެ ލޯބިވެރިޔާވެސް ޖެހޭނީ އެފަދަގޮތަކަށް "ސްޕެޝަލް" ކޮށް އަހަންނަށްވެސް ކައިވެންޏަށް އެދި ހުށައަޅާށެވެ. އެހެން ނޫންނަމަ އަހަރެން ބޮޑާހާކާނަމެވެ. ކޮންމެވެސް ގޮތަކަށް މިފަދަ ގޮތެއް ހަދަން އޭނާއަށް އިޝާރާތެއް ކުރަންވެއްޖެއެވެ. ނަމަވެސް މިކަމަކީ އަހަރެން ބުނެގެން ކުރި ކަމަކަށް ވެގެން ނުވާނެއެވެ.' އެންމެ ފަހުން ވިސްނާނީ ލޯބިވެރިޔާ ގާތު ތިމާ ނުބުނެ ތިމަންނައަށް "ޕްރޮޕޯސް" ކުރާށޭ ލޯބި ވެރިޔާއަށް އަންގާނެ ގޮތެކެވެ.ވިސްނުން ހުންނަ ގޮތަކީ ކައިވެނި ކުރާނެ ތާރީހެއް ކަ ނޑައަޅައި ހެދުންފަހައި ފައި ހުއްޓަސް ކަނިވެނި ކުރެވޭނީ ޕްރޮޕޯސް ކުރީމައެވެ.
ދެވަނަ މިސާލަކީ ދެލޯބިވެރިއަކު ކޮށްފައި ހުންނަ މެސެޖުތަކުގެ ފޮޓޯތަށް ސޯޝިއަލް މީޑިއާއިން ފެނުމެވެ. މިފަދަ މެސެޖުތަށް ފެނުމުން އެގޮތަށް ތިމާގެ ލޯބިވެރިޔާވެސް ތިމާއަށް މެސެޖު ކުރުމަށް ހިތް އެދެއެވެ. ނަމަވެސް އެހެން މެސެޖު ކުރަން ބުނުމަކީ ލަދުވެތިކަމެކެވެ. އަދިއެއީ ތިމަ ކުރާ މެސެޖަކަށް އޭނާ ޖަވާބު ދޭންވީ ގޮތްކަމުގައި ވުމުން އެފަދަ ޖަވާބެއްގެ އުންމީދުގައި ލޯބިވެރިޔާއަށް މެސެޖު ކުރެއެވެ. ނަމަވެސް ނަތީޖާއަކީ ތޯއެވެ؟ ލޯބިވެރިޔާ ތިމާ އުންމީދު ކުރިފަދަ ނުވަތަ ސޯޝިއަލް މީޑިއާގެ އެ ޕޯސްޓުން ފެންނި ފަދަ "ލޯބި" ޖަވާބެއް ނުދިނުމުން ދެރަވެ އެކަމާ ހިތްހަމަ ނުޖެހި ޒުވާބު ކުރެވުމެވެ. އަދި ބައެއްފަހަރު ލޯބިވެރިޔާއަށް އެފަދަ ގޮތްގޮތަށް މެސެޖު ކުރަން އިރުޝާދުވެސް ދީހަދައެވެ. ނަމަވެސް އެންމެ ތެދުވެރި އެންމެ ލޯބި ބަސްކޮޅަކީ އޭނާގެ ހިތުން ބުނާ ބަސްކޮޅެއް ނޫންހެއްޔެވެ؟ ނޫނީ ދުލުގައި ހިފައި ދަމައިނެރެ ބުނުވާ ބަސްކޮޅު ހެއްޔެވެ؟
ދެން އޮތް މައްސަލައަކީ ފެކްޓްރީއަކުން އުފައްދާ އެއްޗެއްހެން ތިމާގެ ހަށިގަނޑު ނުވަތަ ލޯބިވެރިޔާގެ ހަށިގަނޑު ފަރުމާ ކުރުމަށް ބޭނުން ވުމެވެ. ބުނަން މިއުޅެނީ ވަކި ބައްޓަމަކަށް، ވަކި މިންތަކަކަށް އަދި ވަކިގޮތަކަށް ހަށިގަ ނޑު ބައްޓަން ކުރަން ސޯޝިއަލް މީޑިއާގެ ސަބަބުން ވިސްނައިގަނެވުމެވެ. މިއީ ރަނގަޅު ގޮތުގައި ކަމަށްވެސް ވެދާނެއެވެ. ނުވަތަ ގޯސް ގޮތަކަށްވެސް މިކަން ހިނގައިދާނެއެވެ. ވަކި ސިފަތަކެއް އެއީ "އައިޑިއެލް" ސިފަތަށް ކަމުގައި މަޝްހޫރުވެ، ގިނަ ކުދިން ނުވަތަ މީހުން ސާރޖަރީ ކޮށްގެން ވިޔަސް އެގޮތަށް ބަދަލުވާން މަސައްކަތް ކުރެއޭ ބުންޏަސް އެއީ ދޮގަކަށް ނުވާނެއެވެ. މާތް الله ހެއްދެވިގޮތަށް ނުރުހިގެންނެވެ. ކޮންމެ މީހަކުވެސް ހައްދަވާފައިވާނީ އެންމެ ރިވެތި ސޫރައިގައިކަން ހަންދާން ނައްތައި ނުލާށެވެ. ރީތީގެ ވަކި މިންތަކެއް، ހަށިގަ ނޑު ހުންނަންވީ ވަކިގޮތެއް އަދި ހަމުގެ ކުލައާއި ލޮލާއި ބޮލަށް ދާންދެން ވަކި ވައްތަރެއް އެއީ އެންމެ ކާމިޔާބު ސިފަކަމުގައި އަދި އެންމެ ރީވެތި ސިފަކަމުގައި ކަ ނޑައެޅުމުގެ އެއްވެސް ހައްޤެއް އިންސާނުންނަށް ލިބިގެން ނުވެއެވެ. އެހެނީ މިފަދަ އަތްނުފޯރާފަށުގެ ސިފަތައް ހޯދުމަށް އެންމެން މަސައްކަތް ކުރުމަކީ ހުރިހާ ވައްތަރެއްގެ ސައެއްގައި އެއްރަހައެއް ލައްވަން އުޅުން ފަދަ ކަމެކެވެ. ވީމާ ސޯޝިއަލް މީޑިއާގައި ދައްކުވައިދޭ ހުރިހާ ސިފައެއް ހޯދަން އުޅުމަކީ ނުވަތަ ލޯބިވެރިޔާ އެފަދަ ގޮތަކަށް ބަދަލު ކުރުވަން އުޅުމަކީ ބޭކާރު ކަމެކެވެ. މިފަދަ ކަންކަމުގެ ސަބަބުން ދެމީހުންގެ މެދުގައި މައްސަލަ ޖެހުމަށް މަގުފައިވެދާނެއެވެ.
މިއީ ސޯޝިއަލް މީޑިއާގެ ސަބަބުން ލޯބިވެރިންނަށް ނުވަތަ ބައިވެރިންޔާއަށް އަންނަ ބައިވަރު ބަދަލުތަކުގެ ތެރެއިން ދެތިން ކަމެވެ. މިހުރިހާ މައްސަލައެއްގެ މައިނާރަކީ އެންމެ ކަމެކެވެ. އެއީ ފެންނަމުންދާ އަދި އިވެމުންދާ ވާހަކަތަކަށް ބޯލަނބައި އަނެކާގެ ބޯވެސް ގަދަކަމުން ލަންބުވަން އުޅުމެވެ. ތިލަކޮށް ބުނާނަމަ، ސޯޝިއަލް މީޑިއާގައި ހުންނަ ޕޯސްޓް ތަކުން ރަނގަޅާއި ނުބައި ވަކިކުރަން ނޭންގި އެ އޮތްގޮތަކަށް ތިމާގެ މުޅި ދިރިއުޅުން ބަދަލުކުރަން އުޅުމެވެ. މިއަށް ވުރެ ތިލަކޮށް ބުނާނަމަ ރަނގަޅު ގޮތުގައި ސޯޝިއަލް މީޑިއާ ބޭނުން ކުރަން ނޭންގުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް