ކުނި އުކާލާ ވަގުތު ބަދަލުކުރާން އަދި ރަސްމީކޮށް ނިންމީކީ ނޫން ކަމަށާއި އަދި އެކަން އޮތީ މަޝްވަރާ މަރުހަލާގައި ކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފިއެވެ.
" މާލެ ސަރަހައްދުގައި ކުނި އުކާ ގަޑިތަކަށް ބަދަލެއް!" މި ސުރުހީގެ ދަށުން މި ނޫހުގައި މިއަދު ޝާއިޢު ކުރި ޚަބަރަކާއި ގުޅިގެން އެ މިނިސްޓްރީން ގުޅާފައި ބުނީ އެކަން އަދި އޮތީ މަސްވަރާ މަރުހަލާގައި ކަމަށާއި ނިންމީ ނޫން ކަމަށެވެ.
އެހެންނަމަވެސް ސަރުކާރުގެ ފަރާތުން ނެރެމުން އަންނަ "ސަރުކާރު ޚަބަރު" ނޫހުގައި ޓްރާންސްޕޯޓް މިނިސްޓްރީން މިއަދުގެ ތާރީހުގައި ޝާއިޢުކުރި ޚަބަރެއްގައި ބުނެފައިވަނީ "ގްރޭޓަރ މާލެ ސަރަހައްދުގައި ކުނި އުކާލާ ގަޑިތަކަށް ބޮޑު ބަދަލެއް ގެނައުމަށް މާލެފަހި ޕްރޮގްރާމްގެ ދަށުން ވަނީ ނިންމައިފައި ކަމަށާއި މި ބަދަލާއެކު، ކުނި އުކާލުމުގެ ވަގުތު ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ބަދަލުކުރެވޭނެ" ކަމަށެވެ.
މި މިނިސްޓްރީގެ ފަރާތުން މިކަން މާލެފަހި ޕްރޮގްރާމްގައި ހިމަނާފައިވަނީ މި ބަދަލަކީ މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި މިވަގުތު ގެންނަން ޖެހިފައިވާ މުހިންމު ބަދަލެއް ކަމުގައިވާތީ ކަމަށާއި އަދި މާލޭގެ މަގުތަކުގައި ދުވާލުގެ ވަގުތުތަކުގައި އުޅަނދުފަހަރުގެ ދަތުރުފަތުރު އިތުރުވެފައިވާތީ، ކުނި އުކާލުމުގެ މަސައްކަތް ރޭގަނޑުގެ ވަގުތުތަކަށް ބަދަލުކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމުގައި ގަބޫލުކުރެވޭތީ ކަމުގައިވެސް ބުނެފައިވެއެވެ.
މި އައު އުސޫލު ތަންފީޒުކުރުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ އާއި އެކު، ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތައް ވެސް ބައިވެރިވާނެކަމަށްވެސް ބުނެފައިވެއެވެ. މީގެ ތެރޭގައި މާލެ ސިޓީ ކައުންސިލް އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ހިމެނޭކަމަށްވެސް ބުނެފައިވެއެވެ. އެހެން ނަމަވެސް އެ އުސޫލަށް އަމަލުކުރަން ފެށިކަމެއް ނުފަށާކަމެއް ފަށާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.
މިނިސްޓްރީން ދުވަހަށް ގުޅާފައި ބުނީ މަޝްވަރާ މަރުހަލާ ނިމި އަމަލުކުރަން ފަށާ ނަމަ އެ ތާރީހެއް އިއުލާނުކުރާނެ ކަމަށެވެ.
އެޑިޓަރުގެ ނޯޓް: ޓްރާންސްޕޯޓް މިނިސްޓްރީގެ އެދުމުގެ މަތިން މި ޚަބަރުގައިވާ ކޮންޓެންޓް މިވަނީ ބަދަލުކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް