ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެކޮޅިގަނޑު އުފެދިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މިކަމާއި ގުޅިގެން މިއަދު މޫސުމާ ބެހޭ އިދާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ވޭތުވެދިޔަ ހަތަރުދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދަށް އާއްމުވައި ގަދަވެ، ވިލާގަނޑުގައި ވައި ވަރަށް ގަދަވެފައި ވާ ކަމަށެވެ.
އެގޮތުން ވިލާގަނޑުގައި އެންމެ ވައިގަދަވެފައިވާ ކަމަށް ރެކޯޑުކުރެވިފައިވަނީ ބ. ދަރަވަންދޫގައި މި މަހު ނުވަ ވަނަ ދުވަހުގެ 23:10 ގައި ގަޑިއަކު 55 މޭލުބާރުމިނުގައި އަދިު ހުޅުލެއަށް މިއަދު 5:40 ގައި ގަޑިއަކު 58 މޭލަށް އަދި 10:46 ގައި 61 މޭލަށް ވައިގަދަވެފައިވާ ކަމަށް އެ އިދާރައިން ބުނެއެވެ.
އަދި އެ މުއްދަތުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވާ ކަމަށް ރެކޯޑުކޮށްފައިވަނީ މި މަހު 8 ވަނަ ދުވަހުގައި ޏ. ފުވައްމުލަކަށް ކަމަށް ވެސް އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ. ފުވައްމުލަކަށް މި މަހު 8 ވަނަ ދުވަހު 120 މިލިމީޓަރުގެ ވާރެ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
މީގެއިތުރުން އެ އިދާރާއިން ބުނީ ހޯމަ ދުވަހާއި ހަމައަށް މޫސުން ލަފާކުރެވޭގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އާއްމުވައި ގަދަކޮށް ހިފަހައްޓާނެ ކަމަށެވެ. އެގޮތުން މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކުގައި އެވަރޭޖްކޮށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހި، ބޮޑުބަޔަކަށް ގަދަވަޔާއިއެކު ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ދެކުނުގެ އަތޮޅުތަކުގައި އެވަރޭޖްކޮށް 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރާއިރު، ބައެއް އަތޮޅުތަކަށް ގަދަވަޔާއިއެކު ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
ވިލާގަނޑުގައި ހުރިހާ ހިސާބަކަށްވެސް 45 މޭލާއި 55 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމާއި، ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއި އެކު ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކުރެވޭނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އާއްމުކޮށް އުދައަރާ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ގަޑީގައި އުދަ އަރާނެ ކަމަށް ލަފާކުރާ ކަމަށާއި ގަދަވަޔާއިއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށް ވެސް އެ އިދާރާއިން ވަނީ އިރުޝާދު ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް