އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސްގެ މި ބައްދަލުކުރެއްވުމުގައި، އިންޑިއާގައި ތާށިވެފައިވާތާ 13 އަހަރުވެފައިވާ އަޖްހަދު މުހައްމަދާވެސް ރައީސް ވަކިން ބައްދަލުކުރައްވާ، އަޖުހަދުގެ ވާހަކަތައް އަޑު އެއްސެވިއެވެ. އަދި އަޖުހަދަށް ދިމާވެފައިވާ ހާލަތު ބައްލަވައިދެއްވާނެކަމުގައި ރައީސް ވިދާޅުވި އެވެ.
https://dhuvas.mv/265792
މި ބައްދަލުކުރެއްވުމުގައި ބެންގަލޫރުގައި މަސައްކަތްކުރައްވާ އަދި އެކި ކަންކަމުގައި އެޤައުމަށް ވަޑައިގެން އުޅުއްވާ ދިވެހިންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތް ރައްޔިތުންގެ އިހުސާސުތަކާއި ކަންބޮޑުވުންތަކާއި ހިޔާލުތައް އަޑުއައްސަވަން ބޭނުންފުޅުވާކަމުގައި ވިދާޅުވިއެވެ. އެފަދަ ކަންކަން ހިއްސާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެކަންކަން ވިދާޅުވެދެއްވުމުން އެކަންކަމަށް ހައްލު ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެކި ބޭނުންތަކަށް ރައްޔިތުން އިންޑިއާއަށާއި އަދި ބޭރުގެ އެހެނިހެން ޤައުމުތަކަށް ޒިޔާރަތް ކުރާކަމަށާއި ދިވެހިން އިންޑިއާއަށް އަންނަ މައިގަނޑު ކަންކަމަކީ، ބޭސްފަރުވާއާއި ތަޢުލީމު ހާސިލްކުރުމާއި ވިޔަފާރީގެ ބޭނުންތަކުގަައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެކަހަލަ އެއްވެސް ކަމެއްގައި ވަޑައިގެން އުޅުއްވާ ބޭފުޅަކަށް ސަރުކާރުގެ ފަރާތުން ކޮށްދެވޭނެ ކަންތައްތައް ނުވަތަ ސަރުކާރު މެދުވެރިވެގެން އެ ޤައުމެއްގެ ސަރުކާރުގައި ދަންނަވައިގެން ފަހިކޮށްދެވިދާނެ ކަންކަން ހުރިނަމަ އެކަން ފަހިކޮށްދެއްވާނެކަމުގައި ރައީސުލުޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއެކު ވަގުތުހޭދަކުރައްވައި، އެފަރާތްތަކުގެ އެކިއެކި ބޭނުންތަކާއި އިހުސާސުތައް އަޑުއައްސަވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ބައިވެރިވި ދިވެހިންނާއެކު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހަނދާނީ ފޮޓޯއެއް ނަންގަވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް