މަގުމަތީ އަގު ހަތް މިލިޔަން ރުފިޔާއަށް އަރާހާ މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ބްރެޒިލް އަންހެނަކާއި ދިވެހި ފިރިހެނަކު ހައްޔަރު

މަގުމަތީ އަގު ހަތް މިލިޔަން ރުފިޔާއަށް އަރާހާ މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ބްރެޒިލް އަންހެނަކާއި ދިވެހި ފިރިހެނަކު ކަސްޓަމްސް އިން އަތުލައިގަނެ ދިވެހި ފުލުހުންނާއި ހަވާލުކޮށްފިއެވެ. އެގޮތުން ކ...

10 Oct 2024 | 06:23

މަގުމަތީ އަގު ހަތް މިލިޔަން ރުފިޔާއަށް އަރާހާ މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ބްރެޒިލް އަންހެނަކާއި ދިވެހި ފިރިހެނަކު ކަސްޓަމްސް އިން އަތުލައިގަނެ ދިވެހި ފުލުހުންނާއި ހަވާލުކޮށްފިއެވެ.

އެގޮތުން ކަސްޓަމްސް އިން މިއަދު ބުނެފައިވަނީ ރާއްޖެއެތެރެކުރަން އުޅުނު ޖުމްލަ 3.48 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައިވާކަމަށާއި އެ ތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއައި ފަސިންޖަރެއްގެ ލަގޭޖުންނާއި ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

"މިގޮތުން 2024 އޮކްޓޯބަރު 5 ވަނަ ދުވަހު، ބްރެޒިލް އިން ރާއްޖެއައި، ބްރެޒިލްގެ 33 އަހަރުގެ އަންހެނެއްގެ ލަގޭޖުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގޭޖް އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ލަގޭޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެތަކެތި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން  (Cocaine)އަށް ވަނީ ޕޮޒިޓިވް ވެފައި، މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 2.44 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 6,100,000.00 (ހަ މިލިއަން އެއްލައްކަ) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ" ކަސްޓަމްސް އިން ބުނެފައިވެއެވެ.

އަދި 2024 އޮކްޓޯބަރު 7 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާ ފާސްކުރިއިރު، އެ ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroin) އަށް ވަނީ ޕޮޒިޓިވް ވެފައިވާކަމަށާއި އެ ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1.04 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 1,040,000.00 (އެއްމިލިއަން ސާޅީސް ހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭކަމުގައިވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.

މިމައްސަލަތަކުން އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.48 ކިލޯގްރާމް ހުރި ކަމަށާއި އަދި މި މައްސަލަތައް އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި،  އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، ބްރެޒިލްގެ ފަސިންޖަރު އަދި ޕޯސްޓް ޕެކޭޖު ބަލާ ކަސްޓަމްސްއަށް އައި، 40 އަހަރުގެ ދިވެހި ފިރިހެނެއް މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައިވާކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް